އޯޕަލް ޓްރަަސްޓް މޯލްޑިވްސްގެ ފަރާތުން ބ. ހިތާދޫގައި ބާއްވާ ”އޯޕަލް މޯލްޑިވްސް ކުކިންގ ކޮމްޕެޓިޝަން 2024“ ކެއްކުމުގެ މުބާރާތާއި މަސްވެރިންގެ ދުވަހު ބާއްވާ ”އޯޕަލް މަސްރޭސް- ހިތާދޫ 2024“އަށް މުޅި ހިތާދޫ ފައްކާވެއްޖެއެވެ. އެގޮތުން މުބާރާތުގެ ބައިވެރިންނަށް މަރުހަބާ ކިއުމުގެ ގޮތުން ހިތާދޫ އަތިރިމަތީ ވަނީ ގިޑިގެ އާއި ދިދަތަކުން ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ.
އޯޕަލް ޓްރަަސްޓް މޯލްޑިވްސް އަކީ ހިތާދުއަށް ވަރަށް ގިނަ އަހަރު ޚިދުމަތް ކުރެއްވި ހިތާދޫ ކުރީގެ ކަތީބު އަބްދުއްސައްތާރު ގެ ދަރިކަލުން ، މުހައްމަދު އަބްދުއްސައްތާރުގެ މަސްއޫލުވެރިކަމުގައި އުފައްދާފައިވާ އެންޖީއޯ އެކެވެ.
ހިތާދޫ ރައްޔިތުންނާއި ރަށު ކައުންސިލާއި އަންހެނުން ކޮމެޓީއާއި މުވައްސަސާތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މި ވަރުގަދަ އިވެންޓްގެ އެންމެ ފަހުގެ މައުލޫމާތުތައް އީވީއާއ ހިއްސާކުރައްވަމުން ސައްތާރު ވިދާޅުވީ ގޮތުގައި މުބާރާތް ފެށުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.
”މީގެ ތިން އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މަސްރޭހާއި މިއަހަރު އަލަށް ބާއްވާ ކެއްކުމުގެ މުބާރާތުގެ ތެރެއިން މަސްރޭސް މި ފެށެނީ ޑިސެމްބަރު ހަވަނަ ދުވަހު 2 ޖަހާއިރު. އެގޮތުން 2:30ގަ ބައިވެރިވާ ދޯނިފަހަރު ފުރާނެ. އެނބުރި އަންނަން ޖެހެނީ ރޭގަނޑު 8:30 ގަ. ކެއްކުމުގެ މުބާރާތް ފެށެނީ ހޮނިހިރު ދުވަހު 6:30 ގަ. ބައިވެރިކުރާ ތަކެތި އެދުވަހު 11:30 ގައި ނިންމަން ޖެހޭނެ. “ސައްތާރު ވިދާޅުވި އެވެ.
ތިން ދުވަހަށް ދިގު ދެމިގެންދާ މި އިވެންޓް އޯޕަލް އިން ބާއްވަމުން މި ގެންދަނީ ”ފެންވަރު“ ގައެވެ. މުބާރާތްތަކުގެ ފަނޑިޔާރުންނަށް ވެސް ކަނޑައަޅާފައި ތިއްބެވީ އިންޓަނޭޝަނަލް ފެންވަރުގެ ދިވެހިންނެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ހިތާދު ބަނދަރުގައި މިކަމަށް ހާއްސަކޮށްފަ ހުރި ޓެންޓެއްގައެވެ.
”ޑިސެމްބަރު 10ގެ ހަރަކާތުގައި މަސް ބޭނުމަށްފަހު މަސް ކެއްކުމުގެ ޝައުގުވެރިކަން ހުރުމާ އެކީގަ މިފަހަރު އަލަށް ބާއްވާ ކެއްކުމުގެ މުބާރާތަށް އިންސާފުކޮށްދެއްވާނީ އިންޓަނޭޝަނަލް ލެވެލްގެ ދިވެހިން. އެއީ ޝެފް ގިލްޑް އެސޯސިއޭޝަންގެ ފަރާތުން ވައިސް ޕްރެޒިޑެންޓް އިސްހާގް. އެބޭފުޅުން ޖަޖްކުރުމުގެ އިތުރުން ކެއްކުމާބެހޭ މައުލޫމާތު ސެޝަން އަކާއި މިކަހަލަ ކަންތައްތަކެއްވެސް ތަރުތީބު ކުރައްވައިފި. އެކަމަށް ޓަކާ ޝެފް ގިލްޑް އެސޯސިއޭޝަން ރައީސް މަރްޔަމް ނޫރައްދީން އަށް ޚާއްސަ ޝުކުރެއް ރައްދުކުރަން“ ސައްތާރު ވިދާޅުވި އެވެ.
ކެއްކުމުގެ މުބާރާތުގައި ތައްޔާރުކުރެވޭ ރިހަތަކުގައި ޒަމާނުންސުރެ ދިވެހިން އެރަހަ ތަކަށް ދެވި ހިފާފައިވާ ތަޣައްޔަރު ނުވާ ދިރި ދަވިއްގަދު ކޮތަނބިރި ފަދަ ތަކެތި ހިމަނައިގެން ކަނޑުކުކުޅާ ވަޅޯމަސް ރިހަ އާއި ފަރުމަހު ރިހަ ހިމެނެ އެވެ. ހެދިކާގެ ތެރޭގައި ހާއްސަކޮށް ހިތާދު މަސްރޮށިގަނޑަކީ ހިތާދޫގެ ސަގާފީ މީރު މީރު އެއްޗެއްކަން ފާހަގަ ކުރައްވަމުން ސައްތާރު ވިދާޅުވި އޭގެ އިތުރުން މަސްރޮށި، ގުޅަ ބޯކިބާ އަދި އެއާ ގުޅިގެން ހުންނަ ހެދިކާގެ ވައްތަރުތައްވެސް ހުންނާނެ ކަމުގައެވެ.
މި ފަހަރު ހަމައެކަނި ހިތާދުއަށް ހުޅުވާލާފައިވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ހަތް ޓީމެވެ. ކޮންމެ ޓީމެއްގައިވެސް ސްކޫލް ކުއްޖަކު ހިމެނެން މަޖްބޫރުވެ އެވެ. އަދި ކޮންމެ ޓީމަކުން ފަސް މީހަކަށް މަދުވެގެން ކައްކަން ޖެހެއެވެ. މަސްރޭހުގައިވެސް އަންހެން ޓީމް މެންބަރެއް ހިމަނަން މަޖުބޫރެވެ.
މިހާ ބުރަ އަދި އަމިއްލަ ވިޔަފާރިއާއި ދުރުގައި އަމިއްލަ ރަށުގައި ހުންނަވައިގެން ރަށުގެ ރައްޔިތުންނާއެކު ހުންނަވައިގެން ކުޅިވަރެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދެވި ނަމަވެސް މިއީ ހެޔޮ މަގްސަދަކާއި އަމާޒެއްވެސް އޮވެގެން ސައްތާރު ކުރައްވާ ދިގު ދަތުރެކެވެ.
”ކުރިންވެސް ދެންނެވިހެން މަގްސަދަކީ މިއީ ކުރެވިދާނެ ރަނގަޅު ފައިދާހުރި މަސައްކަތެއްކަން އަންގައިދިނުން. މުބާރާތްތަކުން ވަނަތަކަށް ހޮވޭ މީހުންނަށް ރިސޯޓު ތަކުންނާއި އެހެނިހެން ދިމަދިމާލުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުން. އަދި ސްކޫލް ކުދިނަށް ޝައުގު ޖެއްސުމުން މި ދާއިރާތަކުން ފުރުސަތު ހުރިކަން ފާހަގަކުރުން.“
މި ޕްރޮގްރާމްގެ ތެރެއިން އޯޕަލް ޓްރަސްޓް އާއި އެމްއެންޔޫ ގުޅިގެން މި ދިޔަ ވީކެންޑުގައި ވަނީ ޑރ. ރިޔާޒު ޖައުހަރީ، ހިތާދުއަށް ވަޑައިގެން ސްކޫލް ކުދިންނާއި ބެލެނިވެރިންނަށް މެރިކަލްޗާ އާއި މެރިން ބަޮލޮޖީއާއި ބެހޭގޮތުން އަދި މަސްވެރިކަމާބެހޭ މައުލޫމާތު ދިނުމުގެ ސެޝަން އެއްވެސް ބާއްވާފައެވެ. މީގެ އިތުރުން މަސް ދަތުރު ކުރާ ގޮތާއި ކަނޑު ފަރުތަކާ ބެހޭ ގޮތުންވެސް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
އޯޕަލް ޓްރަސްޓްގެ ފަރާތުން ހިތާދޫގައި ހިންގަމުން ގެންދާ މިމަސައްކަތްތައް ފާހަގަކުރައްވައި ހިތާދޫ ކައުންސިލްގެ ރައީސް އަޒީ ވިދާޅުވީ މިއީ ރައްޔިތުންނާއި މުވައްސަސާތަކުން ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދިގެން އެންމްންގެ އެއްބާރުލުން ލިބިގެން ބޭއްވިގެންދާ ކަމެއްކަން ފާހަގަ ކުރައްވާފަ އެވެ.
އެންމެންގެ އެއްބާރު ލުމާއެކު ހުރިހާ ކަމެއް ނިމިގެން މިހާރު މުޅި ހިތާދޫ އޮތީ ކުޅިވަރުގެ މިއީދަށް ހިތާދު އަލިވުލުމުގެ އިންތިޒާރުގައެވެ.
”ޔަގީންކަން އިތުރުވެއްޖެ. މުޅިރަށް މިކަމަށް ތައްޔާރު. އެކަމަކު މިހާ ފުރިހަމަކަމާއެކު ހުރިހާ ކަމެއް ނިމިގެން މިދަނީ ރައްޔިތުންނާއި މުވައްސަސާތައް އަދި އަންހެނުން ކޮމެޓީ އާއި ރަށު ކައުންސިލް ދެއްވި އެއްބާރު ލެއްވުމުގެ ސަބަބުން. އެކަމަށްޓަކާ އެންމެހައި ފަރާތްތަކަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރުމަކީ އަޅުގަނޑަށް އަދާކުރަންޖެހޭ އުފާވެރި ވާޖިބެއް. “ހިނިތުންވެ ހުންނަވައި ސައްތާރު ވިދާޅުވިއެވެ.