ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުއިއްޒު، ރިޔާސީ ކެންޕޭނަށް މިއަދު ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުގައި މިއަދު ރ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވަމުން އެބަ ގެންދަވައެވެ.
ރ.އަތޮޅުން އެމަނިކުފާނުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ރ.އަލިފުއްޓަށެވެ. އެ ރަށުގެ ބަނދަރުގައި އެތައް ބަޔަކު ސަފުތައް ހަދައިގެން ތިބި އިރު، އެންމެން އެއް އަޑަކުން ގޮވާލަމުން ދިޔައީ މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ.
އަލިފުށީގެ ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ގަޑީގައި ތެމިފޯވެގެން ސަޕޯޓަރުން ކީ މަރުހަބާ އަށް “އައްސަރިބަހާއި ސާބަސް” ދަންނަވާ ކަމަށެވެ. މިކީ މަރުހަބާ އިން އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.
އަލިފުށިން ދެން އެމަނިކުފާނު ވަަޑައިގެންނެވީ ރ.މަޑުއްވަރި އަށެވެ. އެރަށުން ވެސް އެމަނިކުފާނަށް ވަނީ ގިނަ ރައްޔިތުން ނުކުމެ މަރުހަބާ ދަންނަވާފަ އެވެ. އެއަށްފަހު މިހާރު އުޅުއްވަނީ ރ. މީދޫ ގައެވެ. މީދޫން ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދުވާފަރަށެވެ. ދުވާފަރުގައި މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ޑރ މުއިއްޒުގެ މިދަތުރުފުޅުގައި ބ.އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ބ.އަތޮޅުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ބ ކުޑަރިކިލަށެވެ. އެއަށްފަހު ކެންދޫ އަށާއި ދަރަވަންދުއަށް ވަޑައިގަތުމަށްފަހު އޭދަފުއްޓަށެވެ. މާދަމާ ރޭ އޭދަފުށީގައި ޚާއްސަ ޖަލްސާއެއް ބާއްވާނެއެވެ.