ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލުމާއި 55 އަހަރާއި 65 އަހަރު ދެމެދު އަމިއްލަ އަށް ރިޓަޔާކުރާ މީހުންނަށް ހާއްސަ އެލެވެންސްއެއް ތައާރަފު ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުުދު ވެވަޑައިގެންފިއެވެ.
ގދ. ތިނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މުއިއްޒު ޑޮލަރު ނެގޭ ލިމިޓެއް ބޭންކްތަކުން ކަނޑައަޅާފައި އޮތުމަކީ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ޝަކުވާ ލިބޭ މައްސަލައެއް ކަމަށެވެ. އެ މައްސަލައަށް ހައްލެއް ހޯދައިދެވޭނީ ރައްޔިތުން އޭނާ އިންތިހާބު ކޮށްދެއްވައިފިނަމަ ކަމަށާއި އޭނާގެ ވެރިކަމެއްގައި ޑޮލަރު ލިމިޓް އުވާލާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުގައި ޑޮލަރު ދައުރުވާ އަދަދު އިތުރުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ޑޮލަރުގެ ރޭޓު ދަށްކޮށް، ފޮރިން އެކްސްޗޭންޖު ހަރުދަނާ ކޮށްދެއްވާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރާނީ ރާއްޖޭގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކޮށްގެންނެވެ.
މީގެ އިތުރުން، ވަޒީފާއާ ގުޅޭ ގާނޫނާއި އުސޫލުތައް ހުރި ގޮތުން އުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔާ ކުރަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމަކު އެ މީހުން ރިޓަޔާ ވެގެން 65 އަހަރު ނުވަނީސް ލިބޭ އެލަވަންސެއް ނޯންނާތީ އެއީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމުގައި ވިދާޅުވެ އެއީ އިންސާފުވެރި ގޮތެއް ނޫން ކަން ފާހަގަކުރައްވި އެވެ. މުއިއްޒު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އޭނާގެ ވެރިކަމެއް އުމުރުން 55 އަހަރުވުމުން ރިޓަޔާ ކުރާ މީހުންނަށް އެލަވަންސެއް ތައާރަފްކުރާނެ ކަމަށެވެ.
މުއިއްޒު ވަނީ ރިޔާސީ އިންތިހާބަށް ބަކީ 13 ދުވަހަށް ވެފައިވާތީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެއްފަރާތްކޮށް ކެމްޕޭނަށް ނިކުތުމަށް އެދިވަޑައިގެންފަ އެވެ. ކެމްޕޭންގައި ބައިވެރިވެގެން ވަޒީފާ ގެއްލުވާލައިފިނަމަ އެއަށް ވުރެ ރަނގަޅު ވަޒީފާ ހޯދައިދޭނެ ކަމަށްވެސް ވިދާޅުވެފަ އެެވެ.
”ކުރިއަށް އޮތް 13 ދުވަހަކީ ތިބޭފުޅުން ބާރު ސްޕީޑުގައި މަގުމަތީގައި ކެމްޕޭނުގައި އުޅޭ ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާދޭންވީ. ވަޒީފާއިން ކަނޑާލާނެ ކަމަށް ބިރުގަންނާނެ ކަމެއްނެތް. އަޅުގަނޑުމެން އަނބުރާ ވަޒީފާ ދޭނަން،. އަޅުގަނޑުމެން ވެރިކަމަށް މި އަންނަނީ، އައިސް ތިބޭފުޅުންގެ ތި ވަޒީފާތައް ޔަގީންކަމާ އެކީ ދަމަހައްޓާ ދޭނަން އަދި މިއަށްވުރެވެސް ރަނގަޅު ކޮށްދޭނަން. “މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިހާރު އޮތް ގޮތާ ހިލާފަށް “ޕޭޕާލެސް” ސަރުކާރެއް ހިންގާނެ ކަމަށެވެ. އަދި އެ ސަރުކާރުގައި ކޮންމެ ތާކު ތިބިގެންވެސް ބާރު ދުވެލީގައި ހިންގޭ ސަރުކާރަކަށް، ސަރުކާރު ބަދަލުކުރާނެ ކަމަށެވެ.