ތުޅާދޫގައި އާއިލާއެއް މަގުމަތިވެ، ދަރިންނާއެކު ކައުންސިލް ދޮށުގައި

30b956ff-4682-4d25-b4d1-05de2e81359f-1.jpeg

އާއިލާއެއް މަގުމަތިވެ، ދަރިންނާއެކު ކައުންސިލް ދޮށުގައި

ބ.ތުޅާދޫގައި އާއިލާއެއް ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެ ދަރިންނާއެކު ކައުންސިލް ދޮށުގައި މިއަދު އިހުތިޖާޖު ކޮށްފި އެވެ.

މި އާއިލާގައި ދެމަފިރިންނާއި ތިން ދަރިންގެ އިތުރުން މާމަ ކިޔާ ދެ ކުދިން ތިބެ އެވެ.

މި އެންމެން މިއަދު ހެނދުނު ކައުންސިލް ކުރިމަތީގައި އިށީނދެ ތިބެ އިހްތިޖާޖް ކޮށްފައިވަނީ އެކިއެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކެއް ވެސް ހިފައިގެންނެވެ.

އެ އާއިލާ މެންބަރަކު އީވީއާ ވާހަކަ ދައްކަމުން ބުނީ މަންމަ އާއި ބައްޕަ ކުރިން ކައިވެނި ކޮށްގެން އުޅުނުއިރު ގެވަޅެއް ލިބުނު ކަމަށާއި ނަމަވެސް އެ ގެވަޅު ބައްޕަ ފަރާތުގެ ކާފަ ލައްވާ ސޮއި ކޮށްގެން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެކަން އާއިލާ މީހުންނަށް އެނގުނީ ރ. އުނގޫފާރުގައި ހުންނަ އާއިލާ އެހެން މެންބަރަކު އެރަށުން ގެވަޅެއް ހޯދަން އުޅުމުން ގެވަޅެއް އޮންނަކަމަށް ބުނުމުން ކަމަށް ވެއެވެ.

އެކަމަކު ބައްޕައަށް ލިބިފައި އޮތް ބިމެއް ކާފަ ލައްވާ ބާތިލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

“ދެން މަންމައަށް މި އޮންނަނީ މަންމަގެ މައިންބަފައިންގެ ގެވަޅުން 200 އަކަފޫޓުގެ ތަންކޮޅެއް. އެވަރުގެ ތަންކޮޅެއް ބަހާއިރު، އެންމެ ކޮޓަރިއެއްވެސް ނުރޭނެ. އެ ތަންކޮޅު އިންނާތީވެސް މިދިޔަ ފަހަރު ފްލެޓް ބެހިއިރުވެސް މަންމަ އަށް ނުލިބުނު.”.

އެ އަންހެން މީހާގެ ޖުމްލަ ހަތަރު ކުދިން ތިބެއެވެ. އެއީ ކުރިން ކައިވެނި ކުރި މިހާއަށް ލިބުނު ތިން ކުދިންނާއި މިހާރު ކައިވެނި ކޮށްގެން އުޅޭ މީހާއަށް ލިބުުނު ކުއްޖެކެވެ.

މިހާރު މި އާއިލާ ދިރިއުޅެމުން ދަނީ ދޮންބައްޕަގެ ބޭބެގެ ގެއެއްގަ އެވެ. އެގެއަށްވެސް ބަޔަކު އަންނަން އުޅޭތީ، އެގެއިން އެ އާއިލާ ނުކުންނަން ވަނީ ޖެހިފައެވެ.

“އަޅުގަނޑުމެންގެ ބޮޑު ޝަކުވާއަކީ ދާއިމީ ގޮތުން އަޅުގަނޑުމެންނަށް ދިރުއުޅެވޭނެ ތަނެއް ހޯދައިދޭން، އަޅުގަނޑުމެން އާއިލާގެ ހަތަރު ކުދިން ފްލެޓަށް ފޯމް ލިން. އަޅުގަނޑުގެ މަންމަ ވެސް ދޮން ބައްޕަވެސް ފޯމްލި އެކަމަކު އެންމެ މީހަކަށްވެސް ނުލިބޭ. ކޮންމެވެސް އެކަކަށް ލިބުނަސް އަޅުގަނޑުމެންނަށް އުޅެވޭނެ ގޮތެއް އިންނާނެ.”.

އޭނާ ބުނާގޮތުން، މި އާއިލާއަށް ރަށުގައި އުޅެވޭނެ އެއްވެސް ތަނެއް ނެތެވެ. އާއިލާ އޮތީ މަގުމަތިވެފައި ކަމަށްވެސް ބުންޏެވެ.

މި އާއިލާގެ ޝަކުވާއާ ގުޅިގެން ކައުންސިލުން ވަނީ ވަގުތީ ހިޔާވަހިކަމެއް ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މި އާއިލާއިން ބޭނުންވަނީ ދާއިމީ ހިޔާވެހި ކަމެކެވެ.

ތުޅާދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު އަލި މަނިކު ބައެއް މީޑިއާ ތަކަށް މައުލޫމާތު ހިއްސާ ކުރަމުން ވިދާޅުވީ ކުއްލިއަކަށް ކައުންސިލްއަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ގޮތެއް ނެތް ކަމަށާއި އެފަދަ އިމާރާތެއް ކައުންސިލްގެވެސް ނެތް ކަމަށެވެ.

ނަމަވެސް އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެ އާއިލާގެ އެސެސްމެންޓެއް ޖެންޑާ މިނިސްޓްރީން ހަދަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top