ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިޚާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ހަމަޖައްސަވައިފި އެވެ.
އެމަގާމަށް އަލީ ވަހީދު ހަމަޖައްސާފައި ވަނީ މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ގާސިމެވެ.
ގާސިމްގެ ސްޕެޝަލް އެޑްވައިޒަކަށް ވެސް އަލީ ވަހީދު އިއްޔެ ވަނީ ހަމަޖައްސަވައިފަ އެވެ.
މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށް، ދައުވާ އުފުލުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ފިއްލަވައިގެން އުޅުއްވުމަށް ފަހު އެ ދައުވާތައް ނުކުރެވޭ ކަމަށް ސަރުކާރުން ކަނޑައެޅުމުން އަލީ ވަހީދު އެނބުރި މާލެ ވަޑައިގަތީ މިދިޔަ މަހުގެ 11 ގަ އެވެ.
ރާއްޖެ ވަޑައިގެންނެވި ދުވަހު އަލީ ވަހީދު ވިދާޅުވީ އޭނާ ދެން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށާއި ބޮޑަށް އުޅުއްވާނީ ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތުގައި ކަމަށެވެ.