ޓީޗިންގެ ދާއިރާއިން ހަތަރު އަހަރުގެ ޑިގްރީއެއް ފުރިހަމަކޮށްގެން ނޫން ގޮތަކަށް ކުރިއަށް އޮތްތަނުގައި ކިޔަވައިދިނުމުގެ ހުއްދަ ނުލިބޭ ގޮތަށް ޓީޗާސް ރަޖިސްޓްރޭޝަން ގަވާއިދުގައި ކަނޑައަޅައިފި އެވެ.
ގިނަ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި މިވަގުތު ޓީޗިން ޑިގްރީ ކޯހަކީ ތިން އަހަރުގެ ކޯހެކެވެ. ބައެއް ކޮލެޖު އަދި ޔުނިވާސިޓީތަކުގައި އޮންލައިންކޮށް ޓީޗިން ކިޔެވުމުގެ ފުރުސަތު ވެސް އޮވެ އެވެ. ނަމަވެސް 2029 ވަނަ އަހަރުން ފެށިގެން ޓީޗާސް ލައިސަންސް ލިބޭނީ ފޭސް-ޓު-ފޭސް މޮޑެލް އަށް ޓީޗިންގެ ހަތަރު އަހަރުގެ ޑިގްރީއެއް ފުރިހަމަ ކުރުމުން ކަމަށް އަލަށް ހެދި ގަވައިދުގައިވެ އެވެ.
ޓީޗަރުންގެ ލައިސަަންސާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ މިއީ އެޑިޔުކޭޝަނުން ބޭނުންވާ ފެންވަރަށް ކޯސްތައް ގެނައުމަށް ގެނައި ބަދަލެއް ކަމަށެވެ. މިނިސްޓްރީން ތައްޔާރު ކޮށްގެން ޕްރީސާވިސް ކޯހެއްގައި ހުންނަން ޖެހޭ މިންގަނޑު ކޮލެޖްތަކާއި ޔުނިވާސިޓީ ތަކަށް އާންމު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިޔަވައިދިނުމުގެ ފެންވަރު، މިނިސްޓްރީން ކަނޑައަޅާ ވަރަށް ބަދަލުކުރަން އަންނަ އަހަރު ފުރުސަތު ދޭނެ ކަމަށެވެ. އެއަށް ފަހު، ޖެނުއަރީ 2025 އިން ފެށިގެން ކުދިންނަށް ކިޔަވައި ދޭނީ ފޭސް-ޓު-ފޭސް މޮޑެލް އަށް ހަތަރު އަހަރަށް ކަމަށް ވާތީ، އެ ފެންވަރުގައި ޓީޗިން ފަށާ ފުރަތަމަ ބެޗުގެ ދަރިވަރުން ކިޔެވުން ނިންމައި، ޖެނުއަރީ 2029 ގައި ޚިދުމަތަށް ނުކުންނާނެ ކަމަށް އާތިޔާ ވިދާޅުވި އެވެ.
“މީގެ ބޭނުމަކީ، އަޅުގަނޑުމެން ބޭނުންވާ ފެންވަރުގެ ޓީޗަރުން ތަމްރީނުކޮށް، ދާއިރާއާ ގުޅެން. މިހާރު މި ކިޔަވާ ކުދިންނަށް އެއްވެސް ބަދަލެއް ނާންނާނެ. އެ ކުދިން ގްރެޖުއޭޓް ވެގެން އައީމަ ލައިސަންސް ލިބޭނެ. މި ގަވައިދު އެފެކްޓިވް ވާން ފަށާނީ 2028 ގެ ފަހުން،” އާތިޔާ ވިދާޅުވި އެވެ.