ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ

large_1690293261473Tsp.png

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--

ދިރާސީ އައު އަހަރު ފެށުމުގެ ކުރިން މިވަގުތު ޚިދުމަތުގައި ތިބި ހުރިހާ ޓީޗަރުންނަށް ޑިޖިޓަލް ލައިސަންސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ގަވާއިދު އެކުލަވާލީ މީގެ ދެ އަހަރު ކުރިން، 2021 ވަނަ އަހަރުގެ އޮގަސްޓު މަހު އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން، ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ތެރޭ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުން ރަޖިސްޓްރީކޮށް، ލައިސަންސް ދޫކުރަން ޖެހެއެވެ. މިއަދު ވަނީ ސްކޫލްތަކުގެ ޓީޗަރުން ރަޖިސްޓްރީކުރުމާއި ލައިސަންސް ދޫކުރުމުގެ ގަވައިދު ނެރެފައެވެ.

ޓީޗަރުން ރަޖިސްޓްރީ ކުރުމާއި ލައިސެންސް ދޫކުރުމުގެ ގަވައިދުގެ ދަށުން މި ލައިސަންސް ދޫކުރަނީ އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުންނެވެ. އެ ބޯޑުން ތިން ބާވަތެއްގެ ލައިސަންސް ދޫކުރާނެއެވެ. އެއީ ޓީޗިންގ ލައިސަންސް، ސްކޫލް ލީޑާޝިޕް ލައިސަންސް، ސްކޫލް ޕްރޮފެޝަންސް ލައިސަންސް އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ލައިސަންސް ދޫކުރުމުގައި ޓީޗަރުންނަށް ފަސޭހަކުރުމަށްޓަކައި އެކަމަށް ޚާއްޞަ ޕޯޓަލެއް ހަދާފައިވާނެ ކަމަށެވެ. އަދި ކޮންމެ ޓީޗަރަކުވެސް ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރުމުން ޑިޖިޓަލް ލައިސަންސެއް ލިބިގެންދާނެ ކަމަށާއި، ޑިޖިޓަލް ލައިސަންސް ލިބުމުން އިތުރަށް ލައިސަންސް ކާޑެއް ހޯދަން ނުޖެހޭނެ ކަމަށް އާތިޔާ ވިދާޅުވިއެވެ.

މި ގަވާއިދުގައިވާ ގޮތުގައި ސްކޫލްތަކާއި ސްކޫލްތައް ނޫން ތަންތަނުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި، ލެބް އެސިސްޓެންޓުންނާއި، ސަޕޯޓް ސްޓާފުންގެ އިތުރުން ޓީޗަރެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ޓްރެއިނީން ފިޔަވައި އެންމެން ލައިސެންސް ނަގަން ލާޒިމެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީ ޓީޗަރުން ވެސް ހިމެނެއެވެ.

އާތިޔާ ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ބޭނުމަކީ އެ މީހުންގެ ފެންވަރު ކަށަވަރު ކުރުމާއި ކުދިންނާއި ބެލެނިވެރިންގެ އިހުތިރާމާއި ލޯބި ލިބިދޭ ބަޔަކަށް ހެދުން ކަމަށެވެ. ކިޔަވައިދިނުމަށް ލައިސަންސް ދެނީ ވެސް ވަކި މުއްދަތަކަށް ވާތީ، ކިޔަވައި ދިނުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޗަރެއްގެ ގޮތުގައި ރަޖިސްޓަރީވެ، ލައިސަންސް ހޯދާއިރު ސެޓްފިކެޓުތަކާއި ޕޮލިސް ރިޕޯޓާއި ޓީޗަރުންގެ ސުލޫކީ މިންގަނޑަށް އަމަލުކުރުމުގެ އިގުރާރާއި ކިޔަވައި ދިނުމުގެ ތަޖުރިބާ ހުށަހަޅަންޖެހެ އެވެ. ދިވެއްސެއް ނަމަ ކުށުގެ ރިކޯޑު ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެ އެވެ.

ޓީޗަރުންނަށް ލައިސަންސް ދޫކުރާނީ ހަތަރު އަހަރަށެވެ. ނަމަވެސް، ދާއިމީ މަގާމުތަކަށް ޝަރުތު ހަމަވާ މީހުން ހުރިހާ ސްކޫލްތަކަކަށް ނުލިބޭތީ ވަގުތީ ގޮތުން ނަގާ ޓީޗަރުންނަށް ދެ އަހަރުގެ ލައިސަންސެއް ދޫކުރާނެއެވެ.

ޓީޗަރުން ރަޖިސްޓްރީ ކުރުމާއި ލައިސެންސް ދޫކުރުމުގެ ގަވައިދުގެ ދަށުން، މިނިސްޓްރީގެ ދަށުން ރަޖިސްޓާކޮށްގެން ހިންގާ ޓިއުޝަންދޭ ތަންތަނާއި، ގުރުއާން ކިޔަވައިދޭ ކްލާސްތަކާއި، 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ ތަންތަނުގެ ޓީޗަރުންނަށް ލައިސެންސް ނެގުން ލާޒިމުވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top