ރ. އުނގޫފާރުން މާލެއަށް ދަތުރުކުރަމުން ދިޔަ ފެރީ ލޯންޗެއްގައި ބެޓެރީ އެއް ގޮވައި، ހަ މީހަކަށް އަނިޔާވެއްޖެ އެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 39 މީހުންނާއެކު އުނގޫފާރުން މާލެއަށް ދަތުރުކުރި “ކްރިސްޓަލް ސްޕީޑް” ކިޔާ ފެރީ ލޯންޗެއްގައި ބެޓެރީއެއް ގޮވާފައިވާ ކަމަށެވެ.
އެރިޔަދޫ ރިސޯޓު ކައިރިން ހިނގި އެ ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ހަ މީހަކަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ އަނިޔާ ލިބުނު މީހުން މިހާރު އެރިޔަދޫ ރިސޯޓު ކުލިނިކަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ވީޑިއޯއެއް އާންމުވެފައިވާއިރު ވީޑިއޯ އިން ފެންނަނީ ޒަހަމްވި ބައެއް މީހުންގެ ފައިތިލައާއި ކަށިމަތި ވަރަށް ބޮޑަށް ފިހިފައިވާ މަންޒަރެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވާގޮތެއް ނުވެ އެވެ.