ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ކްއާޓަރ ފައިނަލް ގައި ރޭ އޭދަފުށި، ކުޑަހުވަދުއާ ވާދަކޮށް ބަލިވުމުން ސެމީ ފައިނަލަށް ނުދެވި މުބާރާތުން ވަކިވާން ޖެހިއްޖެ އެވެ.
ރެހެންދި ދަނޑު ދޭއްގައި ރޭ އޭދަފުއްޓާއި ކުޑަހުވަދޫ ކުޅުނު މެޗު ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. އެއީ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. މި މެޗުން މޮޅުވީ ޕެނަލްޓީގައި 3-2 ކުޑަހުވަދޫއެވެ. މެޗުގައިމުޅި މެޗުންނާއި ޕެނަލްޓީގައިވެސް ފެނުނީ ގޯލްކީޕަރުންގެ ތަފާތެވެ. އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހާއި ކުޑަހުވަދޫގެ އަބްދުލް މާނިއުގެ މަސައްކަތް ޕެނަލްޓީގައި ފާހަގަކުރެވުނު އިރު، މެޗު ކުޑަހުވަދޫން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމުން ޖުމްލަ ހަ ޕެނަލްޓީ ޖެހިއިރު، ކުޑަހުވަދޫން ޕެނަލްޓީ ވެއްދީ އިރުސާމް އާދަމް ނަސީރާއި އިރުފާން އާދަމް ނަސީރު އަދި އަޔާޒް މުހައްމަދެވެ. އޭދަފުށިން ޕެނަލްޓީ ކާމިޔާބުކުރީ ހާފިޒު އަހުމަދު އާއި ޝާރިފް އަބްދުލް މަޖީދެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލަށް ގޮސްފައިވަނީ ގދ. ވާދޫ އާއި ލ. ގަމާއި ރ. އިނގުރައިދޫގެ އިތުރުން ދ. ކުޑަހުވަދޫ އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. ސެމީގައި އިނގުރައިދޫ ބައްދަލުކުރާނީ ގަމާ އެވެ. އަނެއް ސެމީގައި ވާދޫން ކުރިމަތިލާނީ ކުޑަހުވަދޫއާ އެވެ.