ސަމާލް! ފެތުރެމުންދާ ރޯގާތަކުން އެޗްވަން އެންވަން ފެނިއްޖެ

IMG_20170312_105126.jpg

ބ. އަތޮޅު ހޮސްޕިޓަލްގައި ބަޔަކު މަޑުކޮށްލައިގެން. / އީވީ ފޮޓޯ: ޕްރިންސް ނަވާ ފޮޓޯގްރަފީ

އަތޮޅުތެރޭގައާއި މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކާއި ހުން ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެޗް1އެން1 ނުވަތަ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުންވެސް ބުނެފައިވަނީ އަރިދަފުހާއި ހުންޖެހިގެން އެ ހޮސްޕިޓަލަށް އަންނަ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށާއި މި ފަދަ ރޯގާތައް ފެތުރުނަ ނުދިނުމަށް ހުރިހާ އެންމެންގެ އެއްބާރުލުންވެސް ބޭނުންވާކަމަށެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  އެ އެޖެންސީ އިން ކުރި ދިރާސާތަކާއި ޓެސްޓް ތަކުން  އިންފުލުއެންޒާއެޗްވަން އެންވަން އިތުރުވަމުން އަންނަކަމަށާއި އެބަލި ފެތުރުން ހުއްޓުވުމަށް ޓަކާ ކަމާގުޅޭ މާހިރުންނާއެކު ސިއްހީ ވަސީލަތްތައް ބޭނުންކުރަމުން އަންނަ ކަމުގައެވެ.

2009 ވަނައަހަރުން ފެށިގެން އިންފުލުއެންޒާ ފެތުރެން ފެށި ފަހުން އެޗްވަންއެންވަން ދަނީ މޫސުމީ ރޯގާއެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެމުންނެވެ.

ނަމަވެސް ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަންގެ ރޯގާ އާއި ދުނިޔޭގައި ފެތުރެމުންދާ ސްވައިން ފުލޫއާ ގުޅުމެއް ނެތް ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ، އެހެން ރޯގާތަކެކޭ އެއްގޮތަށް އެޗްވަންއެންވަން އަކީ ނުރައްކާތެރި ބައްޔެއް ނޫން ކަމަށާއި, މި ބަލީގެ ނުރައްކާ ބޮޑީ ތުއްތު ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަށް ކަމަށެވެ.

އެޗްވަން އެންވަން އާއްމުކޮށް ޖެހެނީ އިންފުލުއެންޒާ ނުވަތަ އަރިދަފުސް ރޯގާވެސް ފެތުރޭ ގޮތަށެވެ. ބަލިޖެހިފައިވާ މީހާގެ ފަރާތުން ބަލި ނުޖެހި ތިބޭ މީހުންނަށް ޖަރާސީމު ފެތުރެނީ ، ކެއްސާ އަދި ކިނބިހި އެޅުމުގެ ތެރެއިންނެވެ. މީގެ އިތުރުން ޖަރާސީމު އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށްފަހު އަނގަޔާއި ނޭފަތުގައި އަތްލުމުން ވެސް މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވާސިލުވެއެވެ.

އެޗްޕީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި އެ އިދާރާއިން ދަނީ މި ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް މަސައްކަތްތަށް ކުރަމުން ކަމަށެވެ.

ފެތުރެމުންދާ ރޯގާގައި ބައެއް ފަހަރު ބަލިމީހާގެ ހާލުދެރަވާތީވެ، އަރިދަފުސް ރޯގާ ޖެހި މަދުވެގެން ދެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

އަލާމާތްތައް:

  • ހުން އައުން
  • ކަރުގައި ރިއްސުން
  • ބޮލުގައި ރިއްސުން
  • ގައިގައި ރިއްސުން
  • ހީކަރުވާފައި ވަރުދެރަވުން
  • ބޭރަށް ހިންގުން، ހޮޑުލުން

ކުޑަކުދިންގެ ކިބައިން ފެނިގެންދާނެ އިތުރު އަލާމާތްތަކުގެ ތެރޭގައި ކެއުން ބުއިން މަދުވުން، މާގިނައިން ނިދުން، އާދަޔާ ހިލާފަށް ރުއިން ފަދަ އަލާމާތްތައް ހިމެނެއެވެ.

އަރިދަފުސް ރޯގާ އާއި ވައިރަލް ހުމަކީ އެކަކުގެ ފަރާތުން އަނެކަކަށް ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށްވުމާއެކު ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ސަލާމުކަން ދޭންޖެހޭ ކަންތައްތައް:

  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
  • އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ:

    • ގިނައިން ދިޔާތަކެތި ބޭނުންކުރުން
    • އަރާމުކުރުން
    • ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
    • ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
    • ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
    • ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top