އީދު ފެސްޓިވަލްގެ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

2330_1303129324e4bfe59cbc270dea1c84363e74cd3dd0.jpg

މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ބާއްވާ ބައެއް ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އީދު ކުޅިވަރު އިންތިޒާމު ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ނިމާލު ބުނީ “އީދު ފެސްޓިވަލް 1435″ގެ ނަމުގައި ބޮޑު އީދުގައި ބޭއްވުމަށް ނިންމާފައިވާ ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ބަށި އަދި ބައިބަލާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 15 ގެ ނިޔަލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ދެ މުބާރާތުގެ ޗެމްޕިއަންޓީމަށް 5000ރ، ހުށަހަޅާފައިވާއިރު، ބަށި ރާނީ އަށް އަދި މިސްޓަ ބައިބަލާއަށް 1000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ވާ ދެމުމާއި ބޯކިބާ އެޅުމުގެ މުބާރާތާއި ކާށިއެހުމާއި ހުނިގޭނުން ކަހަލަ ތަފާތު ކުޅިވަރުތައް ވެސް މިއަހަރުގެ އީދު ފެސްޓިވަލުން މުބާރާތެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އީދު ކުޅިވަރު ކޮމެޓީން ބުންޏެވެ. މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު 15 ގައި ހުޅުވާލާނެ ކަމަށްވެސް އެ ކޮމެޓީން ބުނެއެވެ.

މީގެ އިތުރުން ވެސް ސްޓޭޖް ހަރަކާތްތަކާއި ހަވީރު ގަޑީގައި ރަށުގެ ބޮޑެތި މަގުތަކުގައި ދަނޑިޖެހުމާއި މާފަތި ނެށުމާއި ކޯޑި ކުޅުން ފަދަ ތަފާތު ކުޅިވަރުތައް ކުޅޭނެކަމަށް އީދު ކުޅިވަރު އިންތިޒާމު ކޮމެޓީން ބުނެއެވެ.

ނިމާލް ބުނީ އީދަށް ތައްޔާރުވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ވަރަށް ފޯރިއާއެކު ވަމުންދާ ކަމަށާއި މި ކުޅިވަރުތައް އިންތިޒާމް ކުރުމުގައި ވަފާ ޖަމިއްޔާ ފިޔަވައި ހުރިހާ ޖަމިއްޔާއަކުންވެސް ބައިވެރިވާ ކަމަށެވެ. އަދި އީދު ފެސްޓިވަލުގެ ކުޅިވަރުތައް އެއް ސަރަހައްދެގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އެ ކޮމެޓީން ބުންޏެވެ.

އީދު ކުޅިވަރުތައް އިންތިޒާމްކުރާ ފަރާތުން ބުނަނީ މިއީ މީގެ އަހަރުތަކެއް ކުރިން އީދު ކުޅިވަރަށް މުޅި ރާއްޖެ އަށް މަޝްހޫރު އޭދަފުށީގައި އީދު ކުޅިވަރުތައް ހުއްޓިފައި އޮތުމަށް ފަހު މި ސިލްސިލާގެ އާ ފެށުމެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top