ފާލަމުގައި ބޮޑުތަޅު އެޅުވުން. އެނޫންގޮތެއް ނެތީބާ!

IMG_20170313_070518.jpg

އޭދަފުށީ ރަސްމީ ފާލަމުގައި ބޮޑުޗޭނުޖަހާ ބަންދުކޮށްފައި / އީވީ ފޮޓޯ

އޭދަފުށްޓަށް އަރާ ފޭބުމަށް ހަމައެކަނި ހުރި ފާލަން މިހާރު ހުރީ ރަށު ކައުންސިލުން ބަންދުކޮށްފައެވެ. ސަބަބެއްކަމަށް ކައުންސިލުން ބުނީ ކުރިންވެސް އެ ފާލަމަކީ އާންމު ބޭނުންތަކަށް ބަންދު ކޮށްފައި އޮންނަ ފާލަމެއް ކަމަށާއި ފާލަން ހަމަ އެކަނި ބޭނުން ކުރަނީ ރަސްމީ ބޭނުންތަކަށް ކަމަށެވެ.

“މިހާރު އެފާލަމަށް އެއްވެސް މީހަކު އިހުތިރާމެއް ނުކުރޭ، ކާޑާއި ސިމެންތިވެސް ފާލަމުން އަރުވަނީ ދުއްވާ އުޅަނދުވެސް އަރުވަނީ އެތައްފަހަރަކު ނަސޭހަތް ދީ އިސްލާހު ނުވީމާ ބަންދު ކުރީ. އިމަޖެންސީގައި އަންނަ ފަރާތްތަކަށް ކައުންސިލަށް ގުޅާލުމުން ފާލަން ހުޅުވާލެވޭނެ” ރިޒާ ވިދާޅުވިއެވެ.

ކައުންސިލްގެ މި ހަރުކަށި އަމުރާއެކު ފާލަން ބަންދުކުރުމުން އޭގެ އަދަބު މިހާރު ލިބެނީ ސިއްހީ ފަރުވާއަށް އޭދަފުށްޓަށް ކޮންމެދުވަހަކުހެން އަންނަ ބަލި މީހުންނާ މުހިއްމު ބޭނުން ތަކަށް ރަށަށް ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރާ މެހްމާނުންނާ އެވިދާޅުވާ ރަސްމީ ބޭނުންތަކަށް ރަށަށް ވަޑައިގަންނަވާ ސަރުކާރުގެ އިއްޒަތްތެރިންނަށެވެ.

“އިއްޔެ އޭދަފުށްޓަށް މިނިސްޓަރަކު ވަޑައިގެން ލޯންޗް ފާލަމާކައިރިކޮށް ފާލަމަށް އަރާވަޑައިގެންނަވަން އުޅުއްވި ގޮތް ލޮލުން ދުށިން. އެމަނިކުފާނު ފައިބާވަޑައިގަތީ ފާލަމުގެ ހުރަހަށް އެއްކޮޅުން އަނެއްކޮޅަށް ދަމާ ވާންކޮށްފައޮތް ދަނގަޑު ޗެންޗޭނުގެ ދަށުން ލާފައި. މިނިސްޓަރު އަރިހުގައި ވަޑައިގަތް އިއްޒަތްތެރި ދެބޭފުޅުންގެ އިތުރުން ބޮޑީގާޑްވެސް ފައިބާ ވަޑައިގަތީ ހަމައެގޮތަށް. އަނެއްކާ ރަށުން ފުރާވަޑައިގަތުމަށް ފާލަމުން ލޯންޗަށް އަރާވަޑައިގަންނަވަންވެސް އުޅުއްވަން ޖެހުނީ ހަމައެހާލުގައި” މަންޒަރު ލޮލުން ދުށް މީހަކު އީވީއަށް ކިޔައިދިނެވެ.

އެހެންމީހަކު ބުނީ އޭގެ ކުރީ ދުވަހަކު ސޮނޭވާއިން ހާލުބޮޑުވެގެން ބަލި މީހަކު ގެނައި ލޯންޗެއް ފާލަމާ ކައިރިކޮށްގެން އެބަލިމީހާ ރަށަށް އަރުވަން ޖެހުނީވެސް ފާލަން ބަންދުކޮށްފައި ހުރުމުން ވަރަށްހާލުގައި އުޅުގެެން ކަމުގައެވެ.

އެންމެ ފަހުން އިއްޔެ ހަވީރު އަތޮޅު ހޮސްޕިޓަލުން މާލެ ފޮނުވި ބަލި މީހަކު، ލޯންޗަށް އަރުވަން ޖެހުނީ ވެސް ވާޓަރުމަތިން އެތައް އުނދަގުލަކާއެކުގައެވެ.

މިއިން އެއްވެސް ހާލަތެއް އެއީ ރަސްމީ ބޭނުމެއް ނޫންކަމަށް ވަންޏާ އެވިދާޅުވާ ރަސްމީ ބޭނުންތަކަކީ ކޮބައިބާއެވެ. ރަސްމީ ބޭނުމަކީ ފާލަން ބޭނުންކުރަން ވެއްޖެހިނދެއްގައި ކައުންސިލުން ހުއްދަނަގައިގެން އެތަނުން ވިދާޅުވާ ގަޑިއެއްގައި އެތަނުންފޮނުވާ މީހަކު އައިސް ހުޅުވުމުން ނޫނީ ފާލަން ބޭނުންނުކުރެވޭގޮތް ކަމަށް ވާނަމަ ތިޔައީ ވަރަށް ހަރުކަށި ނިންމުމެކެވެ. ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި ނިންމުމެކެވެ. ރައްޔިތުންނަށް އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ. އަމުދުން މިޒަމާނާ ވަރަށް ނުގުޅޭ ކަމެކެވެ. މީހަކު ކުށެއްކުރުމުން އެކަމުގެ އުގޫބާތު މުޅި ރައްޔިތުންނަށް ދިނުމަކީ ގަބޫލުކުރެވޭނެ ކަމަކަށް ނުވާނެވެ.

ކައުންސިލުން އެފަދަ އަމުރެއް ނެރުނު އިރު ނުވަތަ މުދާ އަރުވާ ބާލަން ވަކި ސަރަހައްދެއް ނުވަތަ އެހެން ފާލަމެއް ހުންނަނީ ހެއްޔެވެ. އެހެންނޫނީ އެކަމަށް ފަސޭހަ އެހެން މަގެއް ހަމަޖެހިފައިވޭ ހެއްޔެވެ. ރަސްމީ ފާލަމާ ކައިރިކޮށްގެން މުދާ އެރުވުމާ ބޮޑެތި ދޯނިފަހަރާ އެނޫން އުޅަނދުވެސް ކައިރި ކުރަނީ އެހެން ފާލަމެއް ނެތީމަ ނޫންހެއްޔެވެ.

ނުރަސްމީ ފާލަމެއް އެފަދަ ބޭނުންތަކަށް ހުރެފައި ދެން ރަސްމީ ފާލަމާ ކައިރި ކުރާނަމަ އެއީ މައްސލަ އެކެވެ. ކޮށްގެން ނުވާނެ ކަމެކެވެ. އެކަމަކު ރަށަށް އަރަާ ފައިބަން ހުރީ ހަމައެކަނި އެންމެ ފާލަމެއްކަމަށް ވާނަމަ އެފާލަން ރަނުން ޖަރީ ކޮށްފައި ހުއްޓަސް އެފާލަމުގެ ބޭނުން ކުރާނެއެވެ. އެނޫންގޮތައް ނެތެއް ނޫންތޯއެވެ.  އެހެން ވަސީލަތެއް ގާއިމު ނުކޮށް  ، ގާއިމުވެފައި ހުރި އެންމެ ވަސީލަތެއްގެ ބޭނުން ނުކުރުމަށް ގޮވާލުމަކީ ކުށުގެ ވެއްޓެއް އުފެއްދުމަށް ކުރެވޭ އަނިޔާވެރި އަމަލެކެވެ.

ކައުންސިލުން ފާލަން ބަންދުކުރުމުގެ ކުރިން އެންމެ ކުޑަމިނުން އެފާލަމަށް އަރާ ފައިބާ މީހުންނަށް ފެންނާނެހެން ފާލަން ބޭނުންކުރަންވާ ގޮތުގެ އުސޫލެއް ލިޔެފާ ބަހައްޓަވާށެވެ. އަދި ހަމައެއާއެކު ރަށަށް އަންނަ ރަސްމީ ނޫން މީހުންނަށް ބޭނުން ކުރެވޭ ފާލަމެއް ހައްދަވައިދެއްވާށެވެ. އޭރުން އޭދަފުށީ ކައުންސިލުން ވިދާޅުވާ ރަސްމީ ފާލަން އޭގެ ރަސްމީ އިއްޒަތުގައި މީހަކު ބޭނުން ނުކޮށްހުރެދާނެ ތޯއްޗެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top