ނ.މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން އެރަށުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މާފަރު އެއާޕޯޓުން ގޮތް ނޭނގޭ ޖަނަވާރެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނުކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެއީ ކޯއްޗެއްކަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާފަރު ކައުންސިލުން ބުނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަހައްދުން މިނިކާވަގެއް ކަމަށް ބެލެވޭ އެއްޗެއްގެ ވީޑިއޯއެއް ފެނިފައިވާތީ އެ ސަރަހައްދު ބަލަމުންދާ ކަމަށެވެ. ނަމަވެސް އޭތީގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާ ކަމަށާއި އޭތި ރަށު ތެރެއަށް އެރިކަމެއް އަދި ނޫންކަމެއް ވެސް ޔަގީންނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.
ކައުންސިލަށް މި މައުލޫމާތު ލިބިފައިވަނީ މިއަދުގެ އިރުއޮއްސެން އުޅެނިކޮށެވެ. މިކަމަށް ރައްޔިތުން ސަމާލުވުމަށް ކައުންސިލުން އެދިފައިވެ އެވެ.