ފަރުމާ ފޮންޓު. މިލްކުވެރިއަކީ ކާކު؟

270185313_209730654690720_4347960486438934099_n-1.jpg

ރާއްޖޭގައި ކޮމްޕިޓަރުން ލިއުމަށް ތާނަ ފޮންޓު އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ 1990ގެ އަހަރު ތަކުގެ ކުރީކޮޅު އެވެ. ރާއްޖޭގެ ޗާޕުޚާނާ ތަކުންނާއި އާއްމު ބައެއް މީހުންނާއި ރައީސް އޮފީހުގައިވެސް އެމަސައްކަތް ކުރައްވަމުން ގެންދެވި އެވެ. ތާނަ ލިޔުން ރީތި ގިނަ ކުދިންތަކެއް ރައީސް އޮފީހުގައި ވަޒީފާ އަދާ ކުރަމުން ގެންދިޔަވެސް މެއެވެ. ހަމައެކަނި އޭދަފުއްޓަށް ނިސްބަތްވާ ދިހަވަރަކަށް މީހުން ރައީސް އޮފީހުގައި އޭރު ވަޒީފާ އަދާކުރައްވައެވެ.

ޑރ.ހަސަން ހަމީދަކީ ވަކި ފަރުދެއްގެ ގޮތުން ތާނަ ފޮންޓު އުފެއްދުމުގެ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅާއެވެ. އެފަންނު އޭރުގެ ސައިންސް އެޑިއުކޭޝަން، މިހާރުގެ ސީއެސްއެޗްސީ ގެ ދަރިވަރުންނަށް ދަސްކޮށްދެއްވުމާއި ޚުދު ޑރ. ހަސަން އަމިއްލަފުޅަށް ވެސް އެމަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވަ އެވެ. ދިވެހި ބަހުގެ އަދަބިއްޔާތުގެ އެކި ފަންނުތައް ދިރާސާ ކުރެއްވުމުގައި އެފަދަ ދެވަނަ މިސާލެއް ފެންނަން ނެތް އިލްމުވެރި އެކެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޗާންސެލާ އެވެ. ތަފާތު ދާއިރާތަކުން ރައްޔިތުންގެ އިލްމުވެރިކަން އިތުރުކުރުމަށް ލިޔުއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ތާނައިގެ ބޮޑު އަކުރު ލިޔުމާއި ސުރުޚީ އެޅުމަށް ބޭނުން ކުރަމުން އަންނަ އޭވަހީދު ފޮންޓު ފަރުމާ ކުރެއްވީ ޑރ. ހަސަން ހަމީދާއި އޭނާގެ ޓީމުންނެވެ. އެފޮންޓު ފުރަތަމަ ބޭނުން ކުރަން ފެށުމުން ޓެކްނިކަލް ގޮތުން ހުރި ބައެއް ކަހަލަ މައްސަލަތައް މިސާލަކަށް، ބައެއްއަކުރު ތަކުގެ ދުރުމިނާއި އެއް އަކުރު އަނެއް އަކުރާއި ފުށުއެރުން ތަކެއް ހުރުމުން ދެ ފަހަރަށްވެސް އެކަން ރަނގަޅު ކުރެއްވީ ޑރ. ހަސަން އެވެ. ފޮންޓަށް ނަން ދީފައި އެވަނީ އެފޮންޓުގެ އަކުރުތައް ފަރުމާ ކުރެއްވި އޭދަފުށީ ތަނޑިރަތްމާގޭ އަބްދުﷲ ވަހީދުގެ ނަމެވެ.

އޭ ވަހީދު ފޮންޓާއެކު ހަމައެދުވަސް ވަރު ނެރުނު ”ރީތި“ ނުވަތަ ފަރުމާ ފޮންޓަށް މީހެއްގެ ނަން ކިޔާފައެއް ނުވެއެވެ. ކީއްވެގެން ބާއެވެ.

އަޅުގަނޑަށް ލިބިފައިހުރި މައުލޫމާތު ތަކުގެ މައްޗަށް ބުރަވާއިރު ފަރުމާ ފޮންޓުގެ އަސްލަކީ އޭދަފުށީ ކަނީރުގެ އަލީ ނަޒީރުގެ އަކުރު ތަކެކެވެ. އަލީ، އޭނާގެ އަތުން ލިޔުއްވައިގެން އަކުރުސެޓެއް ތައްޔާރު ކުރެއްވީ، ފަރުމާ ފޮންޓަކީ، އޭނާގެ ފޮންޓެއް ކަމަށް ވިދާޅުވަމުން ގެންދަވާ އަލީއާއި އެކު ރައީސް އޮފީހުގައި އުޅުއްވި މުސްތަފާ މުހައްމަދުގެ އެދުމަކަށެވެ.

”މުސްތަފާ އެއްދުވަހު ވިދާޅުވި އަކުރު ސެޓެއް ތައްޔާރު ކޮށްދިނުމަށް. އެގޮތުން އަޅުގަނޑު ލިޔުނު އަކުރު ސެޓް ފަރުމާ ކޮށްގެން އުފެއްދި އުފެއްދުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.“ އަލީ ނަޒީރު ވިދާޅުވިއެވެ.

މިއީ 6 ޑިސެންބަރު 2001 ގައި ރައީސް އޮފީހުން އަލީ ނަޒީރަށް ދެއްވާފައިވާ ލިޔުމެކެވެ. މި ލިޔުމުން އެނގޭ ގޮތުގައި އަކުރުސެޓްގެ ނަމޫނާ ނަގާފައިވަނީ އަލީ ނަޒީރުގެ ލިޔުއްވުމަކުންނެވެ.

އަލީ ވިދާޅުވާ ގޮތުގައި އެއަކުރު ތަކަށް ޓެކްނިކަލް ގޮތުން ގެންނަންޖެހޭ ކުދިކުދި ބަދަލު ގެނައެވެ. ޚާއްސަކޮށް އަކުރުތަކުގެ ފައިކޮޅަށެވެ. އެފޮންޓަށް ”ރީތި“ ފޮންޓުގެ ނަން ދިނުމަށްފަހު ދުވަސްކޮޅެއްގެ ފަހުން ބަދަލު ތަކެއްގެނެސް ވަކި ބޭފުޅަކަށް ނިސްބަތް ނުކޮށް ފޮންޓުގެ ނަން ”ފަރުމާ“ އަށް ބަދަލު ކުރީ އެވެ.

”އޭރީތި، އޭފަރުމާ، ފަރުމާ އެމްވީ، ރަދުން މިހުރިހާ ފޮންޓު ތަކެއްގައި އެހެރީ އަލީގެ އަކުރުތައް.“ ފަރުމާ ފޮންޓުގެ މައުލޫމާތު ރަނގަޅަށް އެނގިހުރި ބޭފުޅަކު ނަން ނުޖެހުން އެދެމުން ވިދާޅުވި އެވެ.

އެެހެންވީމާ އަކުރަށް ގެންނަ ބަދަލަކުން އަކުރު ލިޔުނު މީހާގެ މިލްކުވެރިކަން ބަދަލުވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް ޝައްކެއް ނެތް ގޮތެއްގައި އޭދަފުށީ ދަރިންނަށް ރީތިކޮށް ތާނަ އަކުރު ލިޔަން ދަސްކޮށްދެއްވި އެދުރަކީ އޭދަފުށީ މަދްރަސަތުލް ބަހިއްޔާގެ ދިވެހި މުދައްރިސް، އޭދަފުށީ ޖަވާހިރުމާގޭ އަބްދުﷲ އަހުމަދު އެވެ. އަލީ އާއި އަބްދުﷲވަހީދު ވެސް އިސްތިސްނާއެއް ނެތި އެވެ. ޝުކުރެއްގެ ހައްގުވެރިއަކީ އޭނާ އެވެ. 

އެހެން ނަމަވެސް ފަރުމާ ފޮންޓުގެ މިލްކު ވެރިކަން ޑރ. ހަސަން ހަމީދު ދެއްވާފައިވަނީ އޭރު ރައީސް އޮފީހުގައި ވަޒީފާއަދާކުރެއްވި މުސްތަފާ މުހައްމަދު އަށެވެ. 

”ފަރުމާ “ފޮންޓު ފަރުމާކުރި ގޮތް- ފަރުމާވެރިޔާގެ ގަލަމުން“ މި ސުރުޚީ ގެދަށުގައި 17 މޭ 2023ގައި ޑރ.ހަސަން ހަމީދު އޭނާގެ ބްލޮގްގައި ލިއުއްވާފައިވާ މަޒްމޫނުގެ ތައާރަފުގައި ވެއެވެ.

”ތިރީގައި މި ގެނެސްދެނީ، ރަސްމީ ލިޔުންތައް އެންމެ ގިނައިން ލިޔާ ފޮންޓް ކަމުގައިވާ ”ފަރުމާ“ ފޮންޓް ފަރުމާ ކުރެއްވި ގޮތާ ބެހޭ ގޮތުން، އެ ފަރުމާ ކުރެއްވި މުޞްޠަފާ މުޙައްމަދު، އޭނާގެ އަމިއްލަފުޅު ގަލަމުން ލިޔުއްވާފައިވާ މަޒުމޫނެކެވެ. މިއީ ތާރީޚަށްޓަކައި މުހިއްމު ލިޔުމަކަށް ވާތީ، ހިމެނީމެވެ. މި ވެބްސައިޓްގައި ހިމެނޭ ގިނަ މަޒުމޫނަކީ އަޅުގަނޑުގެ ލިޔުން ކަމުގައިވާ ވިޔަސް، ”ފަރުމާ“ ފޮންޓުގެ އަސަރުތައް ކުރިއަށް އޮތް 100 ވަރަކަށް އަހަރު ވެސް ދިވެހި އަދަބީ ވެށީގައި ހުންނާނެތީ، މި އިސްތިސްނާ ހެދުމަށް ނިންމީއެވެ.“ 

”އެ-ރީތި ފަރުމާ“ ގެ ސުރުޚީގެ ދަށުން މުސްތަފާ ލިއުއްވާފައިވެ އެވެ. 

”ރީތިކޮށް ތާނަ ލިޔުމުގެ ހުނަރު އަޅުގަނޑަށް ދަސްވީ، 1979 ވަނަ އަހަރު ހިންގި ޢަރަބި ތާނަ ރީތިކޮށް ލިޔަން ދަސްކޮށްދޭ ކުލާހުގައި ކިޔަވައިދެއްވި މުދައްރިސެއް ކަމަށްވާ، އަލްމަރުޙޫމް މުޙައްމަދު ޞާދިޤުގެ ފަރާތުންނެވެ. އަދި، އެންމެކުޑައިރު، ތާނަ ލިޔުމުގެ ހުނަރު ދަސްކޮށްދެއްވީ، އަޅުގަނޑުގެ ބައްޕަ، (ކ.ކާށިދޫ) އަލްމަރުޙޫމް މުޙައްމަދު އާދަމެވެ. “

އިތުރަށް ވިދާޅުވެފައިވެ އެވެ. ”2002 ވަނަ އަހަރުގެ ކުރީކޮޅުގެ ދުވަހެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އައި.ޓީ. އާ ބެހޭ ބައިގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ (އައި.ޓީ. ހެޑް) އަޙްމަދު ޢާޞިފު ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލިޔުންތައް ކޮމްޕިއުޓަރުން ލިޔުމަށް އެދުވަސްވަރު ބޭނުންކުރާ ފޮންޓް ކަމުގައިވާ، މަލްޓި ލިންގުއަލް ސްކޮލަރ (އެމް.އެލް.އެސް.) ފޮންޓްގެ ބަދަލުގައި، ފޮންޓެއް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވުމުން، [ފޮންޓް ހެދުމުގެ މަސައްކަތް އަޅުގަނޑާ ހަވާލުކުރައްވައިފާނަންތޯއޭ] ދަންނަވާލީމެވެ. ޢާޞިފް ދެއްވީ، ވަރަށް ކުރު ޖަވާބެކެވެ. [އަވަހަށް އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވީ] ކަމަށެވެ. ޢާޞިފް ދެއްވި ފުރުޞަތުގެ ބޭނުންކޮށް، ފޮންޓް ހެދުމުގެ މަސައްކަތް ފެށީމެވެ. 

މުސްތަފާ ވިދާޅުވާ ގޮތުގައި އޭނާއަށް އޭނާގެ ތާނަ ލިޔުއްވުން ރީއްޗެއް ނޫނެވެ. އޭނާއަށް އެންމެ ރީތި ތާނަ ލިޔުމަކީ، އޭނާއާއެކު އެއް ކުލާހުގައި އުޅުއްވި، އެއް އޮފީހުގައި މަސައްކަތް ކުރައްވާ، އަދި ތާނައިގެ ރީތި ފޮންޓްތަކެއް ހައްދަވާފައިވާ، ބ. އޭދަފުށީ ޢަބްދުﷲ ވަޙީދުގެ އަތުލިޔުން ކަމަށްވާތީ، އޭނާގެ ލިޔުމާ އެއްގޮތަށް ލިޔެވޭތޯ އަބަދުވެސް މަސައްކަތްކުރައްވައެވެ. 

ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވާ ރަސްމީ ލިޔުންތައް އެ ދުވަސްވަރު އަތުން ލިޔުއްވަނީ، ޢަބްދުﷲ ވަޙީދެވެ. 

ފޮންޓްގެ ނަމަކަށް އާސިފު ދެއްވީ، [އޭރީތި] ކަމަށް މުސްތަފާ ލިޔުއްވާފައިވެ އެވެ. 

”ފޮންޓް ހެދުމުގެ ދެވަނަ މަރުޙަލާ ނިމި ލޮލަށް ރީތިކޮށް އަކުރުތަކުގެ ބައްޓަންތައް އެއްގޮތްކޮށް ނިމިއްޖެއެވެ. ޢާޞިފް ވިދާޅުވީ، މުޞްޠަފާއަށް ފެންނަ ނަމެއް ދިނުމަށެވެ. އަޅުގަނޑު ދިން ނަމަކީ، [ފަރުމާ] އެވެ. ފަރުމާގެ ކުރިއަށް އޭ އަކުރު ލައިފައި، [އޭފަރުމާ] ގެ ގޮތުގައި، ބޭނުންކުރަން ފެށިއްޖެއެވެ. “

އަޅުގަނޑަށް އެނގޭ އެއް ކަމެއްގެ ވާހަކަ ދަންނަވާލަން ކަމަށެވެ. ދެމީހެއްގެ ފިންގަޕްރިންޓް އެއްގޮތެއް ނޫނެވެ. ކޮންމެ މީހަކީވެސް ތަފާތުމީހެކެވެ. ލިޔުންވެސް ހަމައެހެންނެވެ. ދެމީހެއްގެ ލިޔުން އެއްގޮތެއް ނުވާނެ އެވެ. ލިޔުމުގެ ސްޓައިލް އާއި ރާގު އަދި ބައްޓަންވެސް ތަފާތުވާނެ އެވެ. އެއް ކްލާހެއްގައި އެއް މުދައްރިސެއްގެ ގާތުން ދަރިވަރު ވިޔަސް ކޮންމެ މީހެއްގެ ލިޔުމުގައިވެސް ތަފާތު ތަކެއް ހުންނާނެ އެވެ.
އަލީ ނަޒީރުގެ ލިޔުން ހިތުދަސް ވެފައިވާ މީހެއްގެ ގޮތުން ބުނާނަމަ ފަރުމާ ފޮންޓު ފުރަތަމަ ފެނުމުންވެސް އެއީ އަޅުގަނޑާއި ގުޅުންހުރި، ދަންނަ އަކުރުތަކެއް ކަމުގެ އިހުސާސް ކުރެވުނެވެ. ހަމަ އެއާއެކު އެލިޔުމަކީ އަލީ ނަޒީރުގެ ލިޔުންކަން ދެނެގަންނާކަށް ގިނަ އިރުތަކެއްވެސް ނުނެގި އެވެ. އަޅުގަނޑަކީވެސް ލިޔުންތެރި ކަމުގައި ލިޔުންތެރިއެއްގެ ގޮތުގައި ދިރިއުޅުމުގެ ގިނަ އަހަރުތަކެއް ޗާޕުޚާނާ އެއްގައި އުޅެފައިވާ މީހަކަށް ވާތީ ރީތިކޮށް ލިޔާ ގިނަ ލިއުންތެރިން ލައްވާ ޗާޕަށް ލިއުއްވާފައި ހުންނާނެ އެވެ. އަލީ ނަޒީރަކީ އެކެކެވެ.
އަލީ ވިދާޅުވަމުން ގެންދަވަނީ ފަަރުމާފޮންޓުގެ އަސްލަކީ އޭނާގެ އަކުރުތަކެއް ކަމުގައެވެ. އަޅުގަނޑު މިދަންނަވަނީ އެއަކުރުތަކާ އަލީގެ ލިޔުންތަކުގައި އެހުންނަ ޗާލުކަމާއި ހިތްގައިމުކަމަކީ އެހެން މީހަކަށް ކޮޕީކުރެވޭނެ ކަމެއް ނޫންކަމުގައެވެ. ކުރިންވެސް ދެންނެވި ފަދައިން ދެމީހެއްގެ އަކުރުތައް އެއްގޮތްނުވާނެ ކަމުގެ ދަލީލާއެކުގަ އެވެ. މުސްތަފާގެ އަތު ލިއުމެއް އަޅުގަނޑު ނުދެކެވެ. 
އަޅުގަނޑު ގަބޫލު ކުރަނީ، ރައީސް އޮފީހުން އަލީއަށް ދެއްވާފައިވާ ލިޔުމުގައި ވާ ފަދައިން ފަރުމާ ފޮންޓު ތައްޔާރު ކުރުމަށް އަކުރުސެޓްގެ ނަމޫނާ ނަގާފައިވަނީ އަލީ ނަޒީރުގެ ލިޔުއްވުމަކުން ކަމަށެވެ. އޭގެ މާނައަކީ މުސްތަފާ މުހައްމަދު ލިޔުއްވާފައިވާ ފަދައިން އެފޮންޓު އުފެއްދުމުގެ މަސައްކަތުގައި މުސްތަފާގެ ބައިވެރިވުން ނެތް ވާހަކައެއް ނޫނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top