ކުރިންބުނި އެތި ކެންސަލް ކޮށް އޭދަފުށިން ގޯތިދޭން އަލުން ހުޅުވާލާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
ގޯތި ދިނުން ކެންސަލްކުރީ އޭދަފުށީ ހިއްކި ބިމުން ގޯތި ދިނުމަށް 2019ވަނަ އަހަރުގެ ސެޕްޓްމްބަރު މަހު އޭދަފުށީ ކައުންސިލުން ކުރި އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެންމެންގެ ފޯމުތައްވެސް ބާތިލު ކުރުމަށް ފަހު ގޯތި ދޫކުރުމާބެހޭ ބެހޭ ގޮތުން އަނެއްކާވެސް އާ އުސޫލެއް އެކުލަވާލައި އޭދަފުށިން ގޯތި ދޭން ފެންނަ ކަމަށް ކައުންސިލުން ފާސްކުރުމުންނެވެ.
އޭދަފުށިން 1400އަކަފޫޓުގެ 158 ގޯތި ދޫކުރުމަށް ފުރަތަމަ އިއުލާނު ކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ އިއުލާން 30 ގަޑިއިރު ފަހުން ބާތިލްކުރީ އިދާރީގޮތުން ބައެއް ކަންކަން ފުރިހަމަ ނުވާތީ، ހައުސިން މިނިސްޓްރީން އެދިގެންނެވެ. އޭގެ ފަހުން އެ 158 ގޯތި ދޫކުރުމަށް ހުޅުވާލީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
މިމަސައްކަތް ހުއްޓުމަކަށް އައީ އޭދަފުށީ ހިއްކިބިމުން ގޯތިދޫކުރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުމާއިގުޅިގެންނެވެ.
އޭދަފުށީ ކޯޓުން މި އަމުރު ނެރެފައިވަނީ އޭދަފުށީގެ ދެ ރައްޔިތަކު އޭދަފުށީ ކައުންސިލް އިދާރާއަށް ހުށަހެޅި ފޯމުގައިވާ ކަންކަމަށް ޕޮއިންޓް ދިނުމުގައި އިންސާފުން ޕޮއިންޓް ދީފައިނުވާތީ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ފުރަތަމަ މައްސަލަ ކޯޓުން ނިންމާފައިވަނީ ބ.އޭދަފުށިން ގޯތި ދޫކުރުމުގެ ކަންކަން އެކައުންސިލުން ކޮށްފައިވަނީ “ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 13ވަނަ މާއްދާއާ ޚިލާފަށް ކަމަށް ކަނޑައަޅައެވެ.
ދެވަނަ މައްސަލަ ނިންމާފައިވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ބ) އާ ހިލާފަށް ކަމަށް ކަނޑައަޅައެވެ. އަދި މި މައްސަލައިގެ ހުކުމް ހުރި ދުވަހުން ފެށިގެން 10 ދުވަސްތެރޭގައި އެބައިން އުނިކޮށްފައިވާ 30 ޕޮއިންޓް އަނބުރާ ދިނުމަށް އޭދަފުށީ ކައުންސިލަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭދަފުށީ ކައުންސިލުން ވިދާޅުވީ އަލުން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ މިހާރު އޮތް އުސޫލާއެއްގޮތަށް ކުރިއަށްދާނަމަ ގޯތިދިނުމުގެ ކަންކަން ލަސްވާނެތީ ކަމަށެވެ.
“ވިލަރެސް ކުރާ ކޮމިޓީއާއި މަޝްވަރާކޮށް އެކޮމިޓީންވެސް ނިންމާފައިވަނީ މިހާރު އޮތް އުސޫލު ބާތިލުކޮށް އަލުން އިއުލާން ކުރުމަށް. އެހެންވެ ކައުންސިލުގެ އާންމު ޖަލްސާއަކަަށް މައްސަލަ ހުށައަޅައިގެން މިގޮތަށް ނިންމީ” އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވިއެވެ.
ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅު ހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 51 ހެކްޓަރަށް ބޮޑުކުރީ 2014ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް 2018 ވަނައަހަރާއި 2019ވަނައަހަރު ބަޖެޓްވެސް ކުރިއެވެ.
އޭދަފުށިން ގޯތި ދުނުކުރާތާ 34 އަހަރުވެފައިވާއިރު އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރެވެ.