މިނިވަން50 ޗެމްޕިއަންޝިޕް ފުތްބޯޅަ މިބާރާތުގެ ސެމީފައިނަލްގައި ވާދަކުރާ 4 ޓީމަށް ބަލާއިރު އެންމެ ޕްރެޝަރބޮޑު ޓީމަކީ ބ. އޭދަފުށި ފުޓްބޯޅަ ކްލަބެވެ. ފުޓްބޯޅައިގައި އެރަށުގެ ނަން ބޮޑެވެ. ތާރީޚްގެ ޞަފްޙާތައް ގިނައެވެ. ކާމިޔާބުގެ ތިލަފަތް ބަރެވެ. ރަށަށް ނިސްބަތްވާ ކުޅުންތެރިންގެ ތިލަފަތްވެސް އެތައް ތަނަކުން ބަރެވެ.
އޭދަފުއްޓަކީ ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަކުރި ފުޓްބޯޅައިގެ ގަދަ ބާރެކެވެ. މިއަދުވެސް އެއް ރަށަކަށް އެންމެ ގިނަ ގައުމީ ފެންވަރުގެ އަދި ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިން ނިސްބަތްވާ ރަށަކީ އޭދަފުއްޓެވެ.މިއީ އޭދަފުއްޓަށް އޮތް ޕްރެޝަރެވެ. އޭދަފުށީގެ މުޅި ޓީމާއި ،ރައްޔިތުންގެ އިތުރުން ކޯޗިންގ ޓީމުންވެސް އެކަން ގަބޫލުކުރެއެވެ.
“އަޅުގަނޑުމެން ނިކުންނަނީ އެދަފުށީގެ ނަން ދަމަހައްޓަން. އަޅުގަނޑުމެން މިތިބީ ސެމީފައިނަލަސް ތައްޔާރަށް. ހަމައެކަނި މައްސަލައަކީ ސެމީފައިނަލްގައި ވާދަކުރަންޖެހޭ ފަރެސްމާތޮޑާގެ ކުޅުން ފެނިފައި ނެތުން. އެޓީމުގެ ފެންވަރު ނޭންގުން. ” އޭދަފުށި ފުރަތަމަ ޑިވިޝަންގއައި ވާދަކުރިއިރު ޓީމްގެ ކެޕްޓަން އަބްދުލް މަޖީދު ހަސަން ބުންޏެވެ. އޭނާއަކީ މިހާރު ޓީމްގެ އެސިސްޓެންޓް ކޯޗެވެ.
އޭދަފުށި ސެމީއަށް ނިކުންނައިރުވެސް ޓީމް ބިނާވަނީ ރަށު ކުޅުންތެރިންނަށެވެ. އެއަތޮޅު ގޮއިދޫގެ ދެކުޅުންތެރިންނާއިި، ފުޅަދޫގެ ކުޅުންތެރިއެއްގެ އިތުރުން ރަށުން ބޭރުުން ހިމެނެނީ ނ. ހޮޅުދޫގެ ކުޅުންތެރިއަކާއި ،ސ.ފޭދޫގެ ކުޅުންތެރިއެކެވެ. މި ދެކުޅުންތެރިންނަކީވެސް ބ. އަތޮޅުގެ މުބާރާތްތަކުގައި ޤަވާއިދުން ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ. އެހެންކަމުން އެރަށުގެ މީހުން ދެކެނީ އެއީ އޭދަފުށީގެ ދެކުޅުންތެރިން ކަމުގައެވެ. ޓީމް ލީޑްކުރާނީ ކެޕްޓަން އަބްދުލްމަޖީދުއެވެ. އޭނާއަކީ ޓީމްގެ އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާއެވެ. އޭދަފުށީގެ ހުރިހާ ކުޅުންތެރިންގެވެސް އިހްތިރާމް ލިބިފައިވާ ލީޑަރޝިޕް ހުރި މޮޅު ކުޅުން ތެރިއެކެވެ. މީގެ އިތުރުން އަލީފާސިރު (ސެންޓޭ ) ގެ ބޭބެ މުޙައްމަދު ފާސިރަކީވެސް ޓީމްގެ މުހިއްމު ކުޅުންތެރިއެކެވެ. ދެންހުރީ އޭދަފުއްޓާއި މުޅި އަތޮޅުގެވެސް “ސައްޓު” އެވެ. ޓީމްގައި ޒުވާން ކުޅުންތެރިން ގިނައެވެ.
ތިންވަނަބުރުގެ މެޗުތައް ކުރިއަށްދާއިރު އޭދަފުށި މުބާރާތުގައި އަދި ބައްޔެއްނުވެއެވެ. ނަމަވެސް ސެމީ ފައިނަލް އެންމެ ފަހުން ކަށަވަރުވި ޓީމަކީ އޭދަފުއްޓެވެ. ޓީމްގެ ކުޅުން ތެރިންނާއި އޮފިޝަލުން އައްޑޫސިޓީއަށް ހަމަވީ މިރޭ ދަންވަރުއެވެ. އެހެންކަމުން އެއް ޕްރެކްޓިސްއަށްފަހު ހޮނިހިރު ދުވަހު ސެމީފައިނަލް މެޗަށް ނިކުންނަންޖެހެއެވެ.
ސެމީގައި އޭދަފުށި ވާދަކުރަންޖެހޭ ފަރެސްމާތޮޑާ ގްރޫޕް ސްޓޭޖްގެ މެޗުތައްވެސް ކުޅުނީ އައްޑޫ ސިޓީގައެވެ. މިއީ އޭދަފުއްޓަށް އޮތް ނުތަނަވަސްކަމެކެވެ. ދަނޑަށް ފަރެސްމާތޮޑާ މިހާރު ފަރިތައެވެ. ހޮނިހިރު ދުވަހު ހަވީރު އައްޑޫސިޓީގައި ކުޅޭ ސެމީފައިނަލް މެޗަކީ ހުރިހާ ގޮތަކުންވެސް ފޯރިގަދަ ވާދަވެރި މެޗަކަށްވާނެއެވެ.
ޓީވީއެމްގެ ޒަރީޔާއިން މުޅި އޭދަފުއްޓައި ،ފަރެސްމާތޮޑާ މެޗު ބަލާނެއެވެ. އެ ދެ އަތޮޅާއި ޒޯންގެ ގިނަ ރައްޔިތުންވެސް ތިބީ މެޗުގެ ޝައުޤުވެރިކަމުގައެވެ. ކަނޑުމަތީގައި ތިބި މަސްވެރިންނާއި ،ދަތުރުވެރިން ތިބީ ދިވެހިރާއްޖޭގެ އަޑުން މެޗު ހިނގަމުންދާގޮތް އަޑުއެހުމަށް ތައްޔާރުވެގެންނެވެ. މެޗު ފަށާނީ 15:45 ގައެވެ.
އެޑިޓަރުގެ ނޯޓް : މިއީ ޕީއެސްއެމް ނިއުސްގައި ހަފްސީ އަބްދުﷲ ލިއުއްވާފައިވާ ރިޕޯޓެކެވެ.