ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާނަމަ ވަގުތުން ޖަލަށް ލެވޭ ގޮތަށް، ހެއްކާބެހޭ ގަވައިދު ހަދައި ސުޕްރީމް ކޯޓުން މިއަދު އާއްމުކޮށްފިއެވެ.
މިއަދު ސުޕްރީމް ކޯޓުން އާއްމުކުރި ހެއްކާބެހޭ ގަވާއިދު އޮތްގޮތުން ޝަރީއަތަށް ގެނެވޭ ހެއްކަކު ހެކިބަސް ދޭން ދެކޮޅު ހަދާނަމަ، ހެކިބަސް ދޭން އެންގުމުގެ ބާރު ކޯޓަށް އޮންނާނެ އެވެ. އެ އެންގުމަށް ތަބާނުވެއްޖެނަމަ ވަގުތުން ފިޔަވަޅު އެޅިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ހެކިބަސް ދޭން ދެކޮޅު ހެދީ ޖިނާއީ މައްސަލައެއްގައި ނަމަ، ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ ގިނަވެގެން 10،000ރ. އިން ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.
މި ގަވައިދުގައި ވާގޮތުން އާއިލީ ގުޅުމެއް އޮތުމުގެ ސަބަބުން ހެއްކާބެހޭ ގާނޫނުގެ ދަށުން ހެކިބަސް ދޭން ދެކޮޅު ހެދުމުގެ ބާރު އޮންނަ މީހުންނާއި އެ ގާނޫނުގެ ދަށުން ހެކިބަސް ދޭން ލާޒިމް ނުކުރެވޭނެ މީހުން ފިޔަވައި ދެން ތިބި އެންމެންނަށް އެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅިދާނެ އެވެ. މީގެ އިތުރުން ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާނަމަ އެ މީހުން ހައްޔަރުކޮށްގެން ވެސް ކޯޓަށް ހާޒިރު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.