ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މިއަދު ތުޅާދޫއަށް ވަޑައިގަތުމުން ގިނަ ބަޔަކު ނިކުމެ މުޒާހަރާކޮށްފިއެވެ.
މުޒާހަރާގެ ބައިވެރިން، މެންބަރު ހިސާންގެ ފަހަތުން ހިނގައި އަޑުގަދަކުރަމުން ގޮވާފައިވަނީ ފުއްދައިދޭން ބުނި ވައުދުތައް ނުފުއްދި ސަރުކާރު ވަނީ ފެއިލްވެފައި ކަމަށާއި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާމެދު ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ.
މެމްބަރު ހިސާން އެރަށަށް ވަޑައިގަތުމުގެ ކުރިން 20 ފުލުހުންގެ ޓީމެއް އެރަށަށް ދިޔަކަމަށް ތުޅާދޫން މައުލޫމާތު ލިބުނެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުން އެ އިހުތިޖާޖުގައި ބައިވެރިވެފައިވާ އިރު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ރައްޔިތުން ވެސް އެ އިހުތިޖާޖުގައި ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މިއަދުގެ ވަގުތެއްގައި ހިސާން ތުޅާދޫއަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށެވެ. ނަމަވެސް މުޒާހަރާ ކުރަމުންދާ މީހުން ބުނާ ގޮތުގައި ހިސާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް ކަމުގައި އިންނަވައިގެން ރައީސް ޔާމީނަށް ހަރާމް ހުކުމެއް ކޮށްފައި ތުޅާދޫގައި ކެމްޕޭން ކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
ޕީޕީއެމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ހިސާން ފަހަތުން އަޑުއުފުލަމުން ގޮސް އޭނާ ވެންނެވި ގެސްޓްހައުސް ކައިރީގައިވެސް މުޒާހަރާކޮށްފަ އެވެ.
އޭގެފަހުން ހިސާން ގެސްޓްހައުސް އިން ނިކުމެވަޑައިގެން އޭނާގެ އާއިލާ އާއި ގުޅުން އޮންނަ ގެއަކަށް ވަޑައިގަތުމުން އެގޭކައިރީގައި ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ. ގެ ކައިރީ މުޒާހަރާ ކުރަމުން ގެންދާތީ އަދިވެސް ހިސާން ހުންނެވީ އެގެއިން ނުނިކުމެވި ގޭތެރޭގައެވެ.