އެސްޓީއޯގެ އޭދަފުށީގައި ހުންނަ ފިހާރައިން ގޭސް ހުސްވެއްޖެއެވެ. އެތަނުން ބުނާގޮތުގައި ލިބޭނެ ދުވަހެއްވެސް ނޭގެއެވެ. ފިހާރައިން ވާހަކަދެއްކެވި ބޭފުޅެއްގެ ރާގު ހުރި ގޮތުން އެތަނަށް ގޭސް ސަޕްލައިކުރުން މި ވަގުތަށް ހުއްޓުނީ ކަމުގައި ބެލެވެއެވެ.
މިކަމާބެހޭ ގޮތުން ދާއިރާގެ އެމްޕީވެސް ވިދާޅުވަނީ އެސްޓީއޯއިން އެފިހާރައިގާ ގޭސް ވިއްކުމުގެ ބަދަލުގައި ވިސްނުންހުރީ އެހެންބަޔަކާ ހަވާލުކޮށްގެން އޭދަފުށީގައި ގޭސް ވިއްކާގޮތަށް ކަމުގައެވެ. އެކަމަކު މިއީ އޭދަފުށީ ރައްޔިތުންނަށް އަނެއްކާވެސް ގޭހަށް ޖެހުމަށް މެދުވެރިވެދާނެ ސަބަބަކަށް ނުވާނަމަ މައްސަލައެއް ނެތެވެ. މިހެން މިދެންނެވީ އެސްޓީއޯއިން އޭދަފުށީގައި ގޭސް ވިއްކަން ފެށުމުގެ ކުރިން ރައްޔިތުން ގޭސް ގަންނަން އުޅުނު ހާލު ހިތަށް އަރާފައެވެ.
އެސްޓީއޯއިން އަތޮޅު ތެރޭގައި ފިހާރަތައް ހުޅުވައިގެން އެތަންތަނުން ކުރާ ވިޔަފާރިން ފައިދާނުވާކަމީ އެންމެންވެސް ދަންނަކަމެކެވެ. އެސްޓީއޯއިން އަތޮޅުތެރޭގެ އެކި ސަރަހައްދު ތަކުގައި ފިހާރަތައް ހިންގަމުން ގެންދަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ޓަކައެވެ. މި ތަކެތީގެ އަގުތަކަށް ވިޔަފާރިވެރިން ބޭނުންހާ ގޮތެއް ހަދާލުމުގެ ފުރުސަތު ނުދޭންވެގެންނެވެ. މިއީ ރައްޔިތުން އެސްޓީއޯ ދެކެ ލޯބިވާ އަދި އިތުބާރުކުރާ މައިގަނޑު ސަބަބެވެ. މި ތަކެތި އަބަދުވެސް ލިބެން ހުރުމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ވޭތުވެ ދިޔަ ގިނައަހަރުތަކުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ދީފައެވެ.
އެސްޓީއޯއިން ކުރާ ވިޔަފާރި ބިނާވެފައި އޮންނަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދިނުންކަމަށްވާނަމަ ކައްކާގޭސް މިއަދުގެ ދުނިޔޭގައި ވެފައިވަނީ ކާޑުގެ ބާވަތެކޭ އެއްފަދައިން ދިރިއުޅުމުގެ އެންމެ މުހިއްމު އެއް އަސާސްކަމުގައި ވެފައެވެ. އެސްޓީއޯއިން ކާޑުގެ ބާވަތްތައް އަތޮޅުތެރޭގައި ވިއްކަމުން ގެންދަނީ ރައްޔިތުންނަސް ދެމެހެއްޓެނިނި ގޮތެއްގައި ފަސޭހަކަމާ އަދި ރަނގަޅު އަގުގައި ފޯރުކޮށްދިނުމަށެވެ. އެގޮތުން ބަލާއިރު ކައްކާ ގޭސްވެސް މި ގިންތީގައި ހިމެނެންޖެހޭނެކަަމީ އަޅުގަނޑު ގަބޫލުކުރާހިތްވާގޮތެވެ.
އޭދަފުށީގައި އެސްޓީއޯއިން ގޭސް ވިއްކަންފެށީ ރައްޔިތުން އެކަމަށް ވަރަށްބޮޑަށް ބޭނުންވެގެން ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރުމަށްފަހުއެވެ. ރިޔާސީ އިންތިޚާބަށް ވޯޓް ހޯއްދެވުމަށް ވަޑައިގެންނެވި ސަރުކާރުގެ އިސް ބޭފުޅުންނަށް ވެސް އަދި އޭގެފަހުން މަޖްލިސް އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށްވެސް އޭދަފުށީ ރައްޔިތުން އެންމެ ބާރަށް ދަންނަވާފައި އޮންނާނެ އެއް ވާހަކައަކީ ގޭސް ހޯދަން އުޅެން ޖެހިފައިވާ ދަތިކަމުގެ ވާހަކައާއި މިކަމަށް ހައްލެއް ހޯދައި ދިނުމަށެވެ.
އެސްޓީއޯ އިން މިކަން ކުރުމަށް ރައްޔިތުން އެދުނީ ގޭހުގެ ދަތިކަން މުޅި ރައްޔިތުން އަބަދުވެސް ތަހައްމަލް ކުރަމުން ދާތީއެވެ. އެސްޓީއޯއިން އެކަން ކުރަން ފަށައިފިނަމަ އިތުބާރާ ޔަގީންކަމާއެކު ރައްޔިތުންނަށް ކާޑުގެ ބާވަތްތަކެކޭ އެއްފަދައިން ފަސޭހަކަމާއެކު ގޭސް ލިބޭނެކަން “ކަށަވަރު” ވާތީއެވެ. އޭދަފުށި ކަހަލަ ރަށެއްގައި އަބަދު ގޭހަށް ޖެހިގެން އެ ވިއްކާމީހުންނަށް “ސަލާން” ޖެހުން ހުއްޓުމަކަށް ގެނައުމުގެ ގޮތުންނެވެ.
އެންމެ ފަހުން އެސްޓީއޯއިން އޭދަފުށީގައި ގޭސް ވިއްކަން ފެށިއެވެ. އެއީ ސަރުކާރުން ކޮށްދިން ހެޔޮކަމެކޭ ހީކުރިޔަސް ނުވަތަ އޭދަފުށީ ރައްޔިތުންގެ ބުރަ މަސައްކަތުން އެކަން ސަރުކާރުގެ ސަމާލުކަމަށް އައިސްގެން ކުރިކަމަކަށް ވެސް ވެދާނެއެވެ. އެކަމަކު އެއީ ރައްޔިތުން އެންމެ އެދޭ ގޮތް ކަމުގައި ނުވިޔަސް އެސްޓީއޯއިން ބަލާފައި އޮތީ ފައިދާއަށެވެ. ކާޑުގެ ކެޓަގަރީގައި ގޭސް ނުހިމަނާކަން އެނގެނީ އެސްޓީއޯއިން ވިއްކާ ގޭހުގެ އަގު މާލެއާ އަޅާބަލާއިރު އަގުބޮޑުވެފައިވާތީއެވެ. މާލޭގައި ގޭސް ފުޅިއެއް 250ރ. އަށް ވިއްކާއިރު އިރު މިރަށުގައި ގޭސް ފުޅިއެއް ވިއްކަމުން ގެންދަނީ 280ރ. އަށެވެ. އެއީ އޭދަފުށީގައިވިޔަފާރި އުސޫލުން ގޭސް ވިއްކަމުންދާ ތަންތަނުންވެސް ވިއްކަމުންދާ އަގެވެ. މީގެ އިތުރުން އެސްޓީއޯއިން ގޭސް ގަންނަނަމަ އިތުރު ތަކުލީފެއްވެސް އުފުލަން ޖެހެއެވެ. ގޭސްފުޅި ފުރަތަމަ ގަންނައިރު ޑިޕޮޒިޓް ފައިސާ ބަހައްޓަން ޖެހުމެވެ. އެހެންވީމާ އަމިއްލަތަންތަނުން ގޭސް ފުޅި ވިއްކަމުންދާ އަގަށްވުރެ ބޮޑުވީ ކަމުގައި އާއްމު ރައްޔިތުން ގަބޫލު ކުރިއެވެ. އެންމެ ކުޑަމިނުން ގޭސް ފުޅި ގެއާ ހަމައަށް އުފުލައިދިނުމަކީވެސް ޕިކަޕެއް އޮތްކަމުގައިވިޔަސް ޑްރައިވަރަކު ނެތުމުން އެސްޓީއޯއިން ކޮށްދެވޭވަރުގެ ކަމަކަށް ނުވިއެވެ.
ޔަގީން ކުރެވޭ ޚަބަރުތަކަށް ބަލާއިރު އެސްޓީއޯއިން އޭދަފުށީގައި ގޭސް ވިއްކުން ހުއްޓާލަން ގަސްދު ކުރީ ވިކުން މަދުވުމެވެ. ނުވަތަ އެސްޓީއޯއިން ބޭނުންވާވަރަށް ނުވިކެނީއެވެ. އެއީ ރަނގަޅު ވާހަކައަކަށް ވެދާނެއެވެ.
އެކަމަކު އެނާކާމިޔާބާ އެސްޓީއޯއިން ކުރިމަތިލާން ޖެހުނީ އޭދަފުށީގައި ގޭސް ވިއްކުމުގެ ޝައުގުވެރިކަން ނެތުމުންކަމުގައި ދެންނެވިދާނެއެވެ. އެސްޓީއޯއަކީ ގޭސް އުފައްދާ ނުވަތަ އެތެރެކުރާ ބަޔަކަށް ވާއިރު އެސްޓީއޯއިން ގޭސް ގަނެގެން އެގޭހަށް ނާލު ވެސްދީގެން މިރަށުގައި ގޭސް ވިއްކަމުންދާ ވިޔަފާރިވެރިން ވިއްކާއަގަށްވުރެ އަގުހެޔޮކޮށް ނުވިއްކެންވީ ކީއްވެގެންހެއްޔެވެ؟ މާލެއިން ވަކިން 250ރ. އަށް 12 ނުވަތަ 13 ކިލޯގެ ގޭސް ފުޅިއެއް ލިބޭއިރު ނާލަށް ދިހަރުފިޔާ ފުޅިއަކަށް ދިންކަމުގައި ވިޔަސް އަދިވެސް 25 ރު. ފައިދާ އެބައޮތެވެ. ބަލްކްކޮށް ނަގާނަމަ މިއަށް ވުރެވެސް އަގު ހެޔޮކޮށް ލިބިދާނެކަމުގައި ގަބޫލު ކުރެވެއެވެ.
އެހެންވީމާ އެސްޓީއޯއިން ބުނިކަމުގައިވިޔަސް ގަބޫލު ނުކުރެވޭނެވާހަކައަކީ އޭދަފުށީގައި ގޭސް ވިއްކުން ހުއްޓާލަނީ ވިކުން މަދުކަމަށް ބުނާބުނުމެވެ. ވިކުން މަދުވީ އެއްނޫނެވެ. ވިއްކަން ބޭނުންނުވީއޭ ބުނިނަމަ ގަބޫލުކުރަން ފަސޭހަ ވީހެވެ.
އެސްޓީއޯއިން އޭދަފުށީގައި ގޭސް ވިއްކަން ބޭނުންވާނަމަ އެހެން ވިޔަފާރިވެރިންނަށް ވުުރެ އެންމެ 5 ރ. އަގު ހެޔޮކޮށްފައި މާލެއެކޭ އެއްފަދައިން ޑެލިވަރ ކޮށްދޭކަމުގައިވާނަމަވެސް ނުވަތަ މިހާރު ވިއްކާ އަގަށް ވިއްކާފައި ޑެލިވަރ ކޮށްދޭ ކަމުގައި ވާނަމަވެސް އެސްޓީއޯއިން ވިއްކާ ގޭހަށް އެއޮތީ ރައްޔިތުންގެ ކޮޅަށްބުރަވެފައެވެ. އެސްޓީއޯ ބޭނުންވާވަރަށް ވިއްކިފައިވެސް މެއެވެ.
މިހާރު މިވާގޮތަކީ އެސްޓީއޯއިން ގޭސް ވިއްކަމުން މިގެންދަނީ އެހެން ވިޔަފާރިވެރިންނާވެސް އެއްއަގެއްގައި އިތުރު ތަކުލީފަކާއެކުގައެވެ. އެއީ ޑިޕްޒިޓް ފައިސާއެވެ. ގޭސް ވިއްކާ އެހެން މީހުންފަދައިން ހުސްފުޅި އަނބުރާ ގެނައުމުން ނޫނީ ދެވަނަ ފުޅިއެއް ނުލިބޭ ގޮތަށް ހަމަޖައްސައިފިނަމަވެސް އެސްޓީއޯގޭސް ވައިގާ ހިފާނެކަމަށް އޭދަފުށީ ރައްޔިތުންގެ ގިނަބަޔަކު ގަބޫލު ކުރެއެވެ. އެކަމަކު އެއީ އޭދަފުށީގައި އެސްޓީއޯއިން ގޭސް ވިއްކަން ބޭނުންވާނަމައެވެ. ނަމައެއްގައި ރިހައެއް ނުކެކޭނެދޯއެވެ.