މިނިވަން50 ޗެމްޕިއަންޝިޕް ،ޒޯން 3 ގެ ޗެމްޕިއަންކަން އޭދަފުށި ހޯދުމާއިގުޅިގެން ފުޓްބޯޅަ ޓީމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.
މާލޭގެ ސިޓީ ގާޑްން ރެސްޓޯރެންޓްގައި ރޭ އޮތް މި ފަރިއްކޮޅުގައި ފުޓްބޯޅަ ޓީމާއި އޮފިޝަލުންގެ އިތުރުން އިސްލާމިކް މިނިސްޓަރ އަހްމަދު ޒިޔާދު އަބްދުލްބާގިރު އާއި ގައުމީ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ އަލީ ރަޝީދުވެސް ބައިވެރިވެ ވަޑައިގަތެވެ.
އޭދަފުއްޓަށް ޒޯން3 ގެ ޗެމްޕިއަންކަން ލިބުނީ އިއްޔެ މާލޭގައި ކުޅެން ހަމަޖެހިފައިވާ ދުވާފަރު-އޭދަފުށީގެ މެޗަށް ދުވާފަރު ޓީމް ހާޒިރު ނުވުމުންނެވެ.
ޒޯން 3ގެ ޗެމްޕިއަންކަން އޭދަފުއްޓަށް ލިބުމުން އޭދަފުށި މިވަނީ 3ވަނަބުރަށް ހޮވިފައެވެ.
އެއީ މި މުބާރާތުގައި ކުޅުނު ހަތަރު މެޗުން ދިހަ ޕޮއިންޓް ލިބިގެންނެވެ.
ތިންވަނަބުރުގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11ވަނަދުވަހު ހދ. ކުޅުދުއްފުށީގައާއި އައްޑޫސިޓީގައެވެ.
އޭދަފުށި ހިމެނޭ ގްރޫޕްގައި ހިމެނެނީ ހދ. ނޮޅިވަރަމާއެކު ފޯކައިދޫއާއި އދ. މާމިގިއްޔެވެ. މި ގްރޫޕްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.