ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހިންގަވަމުން ގެންދަވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.
އީސީން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީ ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިކްމް ކުރާ އަދަދަށް މެންބަރުން ހަމަނުވުމަކީ، އީސީން ޕާޓީ އުވާލުމަށް ނިންމަން ޖެހޭ ހާލަތެއް މެދުވެރިވުން ކަމަށް ކަނޑައަޅައި ޑީއާރްޕީ އުވާލުމަށް، އީސީގެ އާއްމު ޖަލްސާގައި ނިންމާފައިވާ ކަަމަށެވެ.
”3،000 މެމްބަރުން ހަމަވެފައިނެތީމާ އަޅުގަނޑުމެން ވާނީ ނޯޓިސް ފޮނުވާފައި. ތިން މަސް ދުވަހުގެ ތެރޭގައި ހަމަކުރަން އެކަމަކު މެމްބަރުން ހަމަކުރެވިފައިނުވާތީ މިހާރު ވަނީ ޕާޓީ އުވާލަން ނިންމާފައި،“ ފުއާދު ވިދާޅުވިއެވެ.
އެ ޕާޓީ އުވާލުމުގައި ގާނޫނީގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ ލީގަލް ފާމުގެ ލަފައަކަށް އެދިފައިވާ ކަމަށާއި އަދި ލީގަލް ފާމުން ތައްޔާރުކޮށްފައިވާ ގާނޫނީ ލަފަޔާއި ލީގަލް އެންޑް ޕޮލިޓީކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ތައްޔާރުކޮށްފައިވާ ގާނޫނީ ލަފާ ދީފައިވާ ކަމަށްވެސް އީސީން ބުނެފައި ވެއެވެ.
އީސީގެ އެ ނިންމުން ޑީއާރްޕީއަށް ސިޓީއަކުން އެންގުމަށް ނިންމާފައިވާއިރު، އެ ޕާޓީއާ ބައްދަލު ކުރަންވެސް ނިންމާފައި ވެއެވެ. އަދި އެ ޕާޓީގެ ދަރަންޏާއި މެދު އަމަލު ކުރާނެ ގޮތަކާއި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައި އެކަން އީސީއާ ހިއްސާ ކުރުމަށް އެ ޕާޓީއަށް އެންގުމަށްވެސް އެ ޖަލްސާގައި ނިންމި ކަމަށް އީސީން ބުނެފައި ވެއެވެ.
އަދި އެ މައުލޫމާތު އެ ޕާޓީން އީސީއާ ހިއްސާ ކުރުމުން، ޑީއާރްޕީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް، އެ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެކަން އާއްމުކޮށް އިއުލާނު ކުރާނެ ކަމަށް އީސީން ބުންޏެވެ.
ޑީއާރްޕީގައި ތިބި ގިނަ އަދަދެއްގެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުވުމާއި ގުޅިގެން އެޕާޓީއަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާ ކަމަށް ނިންމާ އީސީން ވަނީ ޕާޓީ އުވާލާނެ ކަމުގެ ނޯޓިސް ފޮނުވިއެވެ. އޭގެ ފަހުން އެ ޕާޓީއަށް މީހުން ހަމަ ކުރުމުގެ މަސައްކަތް ފެށިއެވެ.
ޑީއާރްޕީއަކީ ރާއްޖޭގައި އޮތް އެންމެ ދުވަސް ވީ އެއް ޕާޓީއެވެ