އަވައްޓެރި އިންޑިއާއަށް އެތެރެވާން ފުރަން ޖެހޭ ހެލްތު ޑެކްލަރޭޝަން ފޯމް، “އެއާ ސުވިދާ” ފޯމް އުވާލައިފި އެވެ.
އެހެންކަމުން މީގެ ފަހުން ރާއްޖެއިން އެ ގައުމަށް ދާ މީހުންނަށް އެ ފޯމް ފުރާކަށް ނުޖެހޭނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ގައުމަށް އެތެރެވާ މީހުން ފުރަން މަޖުބޫރިވި އެއާ ސުވިދާ ފޯމްގައި ހިމަނަން ޖެހޭ މައުލޫމާތު ތަކަކީ ކޮވިޑް-19 އާ ގުޅިގެން ޖަހަން ޖެހޭ ވެކްސިނުގެ މައުލޫމާތާއި އިންޑިއާގައި މަޑުކުރާ ތަނަކާއި އަދި އެމީހާގެ ބައެއް ސިއްހީ މައުލޫމާތުތަކާއި ޕީސީއާރުގެ މައުލޫމާތު ފަދަ ބައެއް މުހިންމު ކަންކަމުގެ ތަފުސީލެވެ. އޭރު އެ ގައުމުން އެ ބަދަލު ގެނައީ އެ ގައުމަށް އެތެރެވާ ހުރިހާ ގައުމުތަކެއްގެ ރައްޔިތުންނަށެވެ.
ނަމަވެސް މި ފޯމް އުވާލުމާ ގުޅިގެން މިހާރު ރާއްޖެއިން އިންޑިޔާ އަށް އެތެރެވާ މީހުން ފުރަން ޖެހޭނީ ވަކި ކަންކަމަށް ދާނަމަ ބޭނުންވާ ހާއްސަ ވިސާ އެކަންޏެވެ. ނަމަވެސް އާއްމުން ދަތުރުތަކުގައި އެ ގައުމަށްދާނަމަ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ އެވެ.
އިންޑިއާ އަކީ ދިވެހިން އެންމެ ގިނައިން ބޭސް ފަރުވާއަށް ދާ ގައުމެވެ. ދިވެހިން ބޭސް ފަރުވާއަށް ދަނީ އެ ގައުމުގެ ގިނަ ހޮސްޕިޓަލްތަކަށް އާސަންދަ ހަމަޖައްސައިދީފައި އޮންނާތީ އާއި ތިބުމާއި ކެއުން ބުއިމުގެ ހަރަދުވެސް ކުޑަކަމުންނެވެ.