ވޯލްޑްކަޕް ފޯރި ގަދަކޮށްލުމަށް ސީސީ އިން ބޮޑުމައިދާނުގައި ބޮޑު ސްކްރީން

ސީސީ، ފަހުގެ ތައްޔާރީ ތަކުގައި

އޭދަފުއްޓަކީ ފުޓުބޯޅައިގެ މައި ރަށެކެވެ. ޒުވާނެއް މުސްކުޅިއެއް ކުޑަކުއްޖެއް ކިޔާނެ ކަމެއްނެތެވެ. އެންމެނަކީވެސް ރާއްޖޭގެ ކްލަބް ތަކާއި މޮޅު ކުޅުންތެރިންގެ އިތުރުން ޔޫރަޕްގެ މަޝްހޫރު ކްލަބްތަކާ އެކްލަބްތަކުގެ ވަކިވަކި ކުޅުންތެރިންނަށް ދާންދެން ހިތުދަސް ބަޔެކެވެ. އިންޓަނޭޝަނަލް ކޮންމެ މުބާރާތެއް ފެށުމާއިއެކު ކޮންމެ ގެއެއްގައިވެސް ބޮޑުވާހަކައަކަށް އޮންނާނީ މުބާރާތުގެ ވާހަކަ އެވެ. ބައެއް ފަހަރު ބައްޕައާއި ދަރިފުޅު ސަޕޯޓު ކުރާ ދެ ކްލަބެއްގެ ވާދަވެރިކަމުގެ ބަހުސްތަކާއެކު ކުދި ކުދި އަރާރުން ވުމަށްވެސް ބަދަލުވެގެން ދެއެވެ.

މިރޭ ގަތަރުގައި ފަށާ ވޯލްޑް ކަޕަށް ރާއްޖޭގެ އެކި ހިސާބުތަކުން ވަަމުން ތައްޔާރުވަމުން އަންނަ އިރު ރަށްރަށުގައި ވެސް މި މުބާރާތް ލައިވްކޮށް ބޮޑު ސްކްރީނުން ބެލޭނެ އިންތިޒާމު ތައް އަންނަނީ ހަމަޖައްސަމުންނެވެ. ކްލަބް ޖަމިއްޔާ ތަކުންނާއި އެކި އެކި ގްރޫޕްތަކުން ރެއާއި ދުވާލު އަވަދިނެތި ހަރަކާތްތެރިވަމުން އަންނަނީ ރާއްޖޭގެ އެންމެ ޒަމާންވީ އެއް ސަގާފަތަކީ ފުޓުބޯޅަ މެޗެއް ކުޅޭނަމަ ބޮޑު ސްކްރީނު ބަހައްޓައި އެންމެން އެއް ތަނަކަށް އެއްވެ މެޗު ބެލުމެވެ.

އޭދަފުށީގައި ވޯލްޑްކަޕް ފޯރި ގަދަކޮށްލުމުގެ ގޮތުން އެންމެ ބޮޑު ހަރަކާތެއް ހިންގަމުން ގެންދަނީ ކްލަބް ކޮމްބިނޭޝަން (ސީސީ )އެވެ. ރާއްޖޭގެ ނިސްބަތުން ފުޓުބޯޅައިގެ ލެޖެންޑުން އުފައްދާފައިވާ ސީސީ އިން ވޯލްޑްކަޕް ބެލުމަށް ތައްޔާރު ކޮށްފައިވަނީ އޭދަފުށީގެ ފަސްމުގޫ ބިލްޑް ވެއަރގެ ކުރިމަތީގައި އޮތް ބޮޑު މައިދާނެވެ. އެ މައިދާނުގައި ސީސީ އިންވަނީ 20 ފޫޓު، 10 ފޫޓުގެ ލެޑް ސްކްރީނުގައި ރައްޓެހިންނާއި އާއިލާއާ އެކު، އެއްތަންވެ، މެޗު ބެލޭނެ މެޗު ބަލައިލެވޭނެ ހުރިހާ އިންތިޒާމެއްވެސް ފުރިހަމަ ކޮށް ދީފައެވެ.

ސީސީ، ފަހުގެ ތައްޔާރީ ތަކުގައި

”އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިތަނަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށްވެސް، އިހްސާސްވާން މި ވަދެވުނީ ވޯލްޑްކަޕްގެ ވެނިއުއަކަށޭ. އެ ވަރަށް އިންތިޒާމް ކުރެވޭތޯ މަސައްކަތް  ކުރަމުން މި ގެންދަނީ ،“ސީސީ އިން މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު އާދަމް (އެޑަމް) ބުންޏެވެ.

އެޑަމް ބުނީ މިތަން ނިމުމުން، މެޗުތައް ބެލުމަށް މިރަށުގައި އެފެންވަރުގެ ދެވަނަ ތަނެއް ނުހުންނާނެ ކަމަށާއި އެކަން ތަޖުރިބާކޮށްލުމަށް ހުރިހާ ފަރާތްތަކުން ވެސް، މިތަނަށް އައުމަށް ދައުވަތު އަރުވާ ކަމަށެވެ. އަދި ބުނީ އިށީދެ ތިބެގެން ކުޅިބެލުމަށް ގޮނޑިއާއި އެއަށް ވުރެ އަރާމުކޮށް އޮށޯވެ ތިބެގެން ވެސް ކުޅިބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޖޯލިފަތިވެސް ބަހައްޓާނެ ކަމުގައެވެ. މެޗުގެ ހާފްޓައިމްގައި ބާބަކިޔު ނުވަތަ ބިސްކޯދު ގަނޑެއް ކަހަލަ ކޮންމެ ވެސް މަޖާ ކެއުން ގަނޑެއްވެސް އޮންނާނެ ކަމަށް އެޑަމް ބުންޏެވެ.

އެޑަމް ބުނި ގޮތުގައި ސީސީ ގެ ބޭނުމަކީ އެންމެން އެކުވެރިކަމާއި ހިތްހެޔޮ ކަމާއެކު އެއްތަނަކުން ބައްދަލުވެލައި އުޅުމުގެ ފުރު ސަތު ފަހިކޮށް ދިނުމެވެ. މިކަން މީގެ ކުރިން ބާއްވާފައިވާ މިފަދަ އިވެންޓް ތަކުންވެސް ފެންނާނެ ކަމަށާއި މިފަހަރުވެސް ސީސީ މިދައްކަނީ އެނަމޫނާ ކަމަށް އެޑަމް ބުންޏެވެ.

ސީސީ ގެ ރައީސް އަތުފާލު އިބްރާހީމް ވަނީ މިހާ ވަރުގަދަކޮށް ބިޔަކޮށް ކާމިޔާބާއެކު މި މަސައްކަތް ނިންމާލެވިފައި ވަނީ އެތައް ފަރާތެއްގެ އެއް ބާރުލުމާއި އެކުގައިކަން ފާހަގަކުރައްވާފައި އެ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

”އެންމެ ފުރަތަމަވެސް ފަސްމުގޫ ގްރޫޕްގެ ނަން ފާހަގަ ކުރަން ބޭނުން. ސީސީ އިން ބާއްވާ މި ކަހަލަ ކޮންމެ ކަމެއްގައި އަޅުގަނޑުމެންނާއި އެކު އަމަލީ ގޮތުންނާއި މާލީގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރަން.“

ހަމަ އެހެންމެ އޭދަފުށީ ދިރާގު، ”ފެމިލީ ގާޑިޔާ“އިން ވެދެއްވި އެހީތެރިކަމަށް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ.

ވޯލްޑް ކަޕް ފުރަތަމަ މެޗު މިރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު ފަށާއިރު އެ މެޗުގައި ނުކުންނާނީ ގަތަރާއި އިކުއެޑޯ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top