އޭދަފުށީ، ކްލަބް ކޮމްބިނޭޝަން (ސީސީ) ދީލަތި އެހީއެއް އޭދަފުށީ އެމްއޭއެމް ޕްރީސްކޫލް ކުދިންނަށް ވެ ދެއްވައިފި އެވެ.
ސީސީ އަކީ ފަހަކަށް އައިސް އޭދަފުށީގެ އިޖްތިމާއީ ދާއިރާ ކުރިއެރުވުމަށާއި އެދާއިރާއަށް އެހީތެރިވުމުގައި ނަމޫނާ ދައްކަމުން އަންނަ ޖަމާއަތެއްކަން ފާހަގަ ކުރެވެއެވެ.
އެ ކްލަބްގެ ފަރާތުން އޭދަފުށީ އެމްއޭއެމް ޕްރީސްކޫލް ދަރިވަރުންނަށް ހަދިޔާ ކޮށްފައިވަނީ އެ ކުދިންގެ އެކްޓިވިޓީ ޔުނިފޯމެވެ.
ސީސީ ގެ ރައީސް، އަތުފާލު އިބްރާހީމް ވިދާޅުވީ މިއީ އެ ކްލަބްގެ ފަރާތުން ރަށުގެ ސްކޫލްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކަމެއް ކަމުގައެވެ.
”މިއީ އަޅުގަޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެހީތައް އޭދަފުއްޓަށާއި ބ.އަތޮޅުގެ ރަށްރަށަށް ފޯރުކޮށްދެމުން ގެންދާނަން. “އަތުފާލު ވިދާޅުވި އެވެ.
ސީސީގެ އިޖްތިމާއީ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ ”ވޯލްޑް ކްލީންއަޕް ޑޭ“ ފާހަގަކުރުމުގެ ގޮތުން މިދިޔަ މަހު 17ވަނަ ދުވަހު ކުރިއަށް ގެންދިޔަ ”ދުނިޔެ މަގޭ ”ހަރަކާތެވެ.
ސީސީ އާއި އޭދަފުށި ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ “ދުނިޔެ މަގޭ” ސާފުކުރުމުގެ ބޮޑު ހަރަކާތުގައި އޭދަފުށީގައި ހުންނަ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ އިތުރުން ބ.އަތޮޅު ތައުލީމީ މަރުކަޒާއި ބ.އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބައިވެރިވެފައެވެ.