މިވީ ހަތަރު އަހަރުގެ ތެރޭގައި މިސަރުކާރުން އަމިއްލަ އެދުމަށް އަމިއްލަ އެޖެންޑާ ހާސިލް ކުރުން ނޫން އެއްވެސް ކަމެއް ފެންނަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވެފައި މިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހ.ބޮނޑިކަނދޮޅުގޭ މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހާ މަރުވެފައި އޮއްވާ މިމަހުގެ 2 ވަނަ ދުވަހު ހުޅުމާލެއިން ފެނުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދުގެ މަޖިލީހަށް މީދޫ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައިދޭނެކަމަށް ވައުދުވެ އައި ސަރުކާރުގެ ހަތަރު އަހަރުގައިވެސް ފެނިގެން ގޮސްފައިވަނީ ސިޔާސީ މަގުސަދެއްގައި ހުސްވާހަކަތަކެއް ދެއްކި މަންޒަރުކަމަށާއި މަރުގެ މައްސަލަތަކުގައި މިހާބޮޑެތި ވައުދުވީ ސަރުކާރެއް ތާރީހުގައިވެސް ނެތްކަމަށެވެ.
ސަލީމް ފާހަގަކުރެއްވި ގޮތުގައި މިސަރުކާރުން ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ބޭނުން ކުރީ ރިލުވާނުގެ މަރުގެ މައްސަލަ އެވެ. ނަމަވެސް އެއްވެސް ހެޔޮ ނިޔަތެއް މިސަރުކާރުގައި މިކަންކަމުގައި ނެތުމުން އެއްވެސް މަރަކަށް އިންސާފު ހޯދިފައި ނުވާކަމަށް ސަލީމް ވިދާޅުވިއެވެ.
މިސަރުކާރުން މިހާތަނަށް ރިލުވާނު އަދި އެހެން މީހުންގެ މައްސަލަ ބަލަން އެއްވެސް ހެޔޮ ނިޔަތެއްނެތް. މިކަންކަމަށް ފަންޑު ކުރި މީހުންވެސް ތިބޭނެ. މިިމީހުން ހޯދޭނެ. މަނިކުފާނު މަރާލަން އުޅުނު މީހުންނާއި ފަންޑުކުރި މީހުން ނުހޯދެނީ ކީއްވެތޯ؟
ސަލީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޕީޕީއެމުން ވެރިކަމާ ހަވާލުވެއްޖެ ނަމަ މަރުތަކުގެ ހަގީގަތް ހޯދައިދޭނެ ކަމަށާއި މަރުތަކުގެ އަޑިީގައި ތިބި މީހުން ދެނެގަނެ އިންސާފުވެސް ހޯދައިދެއްވާނެ ކަމަށެވެ.
“ކުރިޔަށްއޮތް ތަނުގައި އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ނަމަ މި ކަންތައްތަކުގެ ހަގީގަތް ހޯދައިދޭނެ. ހަގީގަތުގައިވެސް މިކަމަށް ފަންޑުކުރި މީހުންވެސް އުޅޭނެ، އުޅެންޏާ ހޯދެންޖެހޭނެ. އެކަމުގެ އަޑީގައި ތިބީ ފަންޑުކުރި މީހުން ކަމަށް ވާތީ ނުހޯދިގެން މިއުޅެނީ” ސަލީމް ވިދާޅުވިއެވެ.