20000 ރުފިޔާގެ ބޮޑު މުސާރަ އާއެކު ބ.އަތޮޅަށް ކޮމިއުނިޓީ އެންގޭޖްމަންޓް ކޯޑިނޭޓަރެއް ނުވަތަ ކުނި މެނޭޖްކުރާނެ ކޯޑިނޭޓަރެއް ހޯދަން އިއުލާނު ކޮށްފި އެވެ. ބއަތޮޅު ހިމެނޭހެން އިތުރު 8 އަތޮޅަކަށް ވެސް މިމަގާމަށް މީހަކު ބޭނުންވާ ކަމަށް އެންވަޔަރން މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވެއެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ވޯލްޑް ބޭންކުގެ ހިލޭ އެހީގައި އެ މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވިފައިވާ މަޝްރޫޢުގެ ދަށުން ޒޯން 5،4،2 ގެ ނުވަ އަތޮޅަކަށް އެންގޭޖްމަންޓް ކޯޑިނޭޓަރުން ހޯދަމުންދާ ކަމަށެވެ. އެ މަގާމަށް އެމީހުން ހޮވާނީ ކޮންޓްރެކްޓް އުސޫލުން ކަމަށް ވެސް ބުނެފައި ވެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީއިން ކޮންމެ އަތޮޅަކަށް ހޯދަމުންދަނީ އެއް ކޯޑިނޭޓަރެކެވެ. އެއީ 12 މަސް ދުވަހު މަސައްކަތް ކުރުމަށެވެ.
އެ މީހުނަށް 19000 އާއި 20000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް ވެސް މިނިސްޓްރީއިން އިއުލާނުގައި ބުނެފައި ވެއެވެ.
ކޮމިއުނިޓީ އެންގޭޖްމަންޓް ކޯރޑިނޭޓަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އަތޮޅު ފެންވަރާއި ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ނިޒާމް ރާވާ ހިންގުމުގައި ރަށްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން އާންމު ފަރުދުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މި ދާއިރާއިން ރަށްތަކުންނާއި މިނިސްޓްރީއިން ރާވާ ހިންގާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ހަރަކާތްތެރިވުމެވެ.
މަގާމަށް ކުރިމަތިލާ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަން ހުރުމާއި، ތަމްރީން ޕްރޮގްރާމްތަކާއި، ވޯކްޝޮޕްތަކާއި މުޖްތަމައަށް ފައިދާވާ ޕްރޮގްރާމްތައް ހިންގާ ރޭވުމުގެ ގާބިލުކަން ހުންނަން ޖެހެއެވެ. އަދި ސާނަވީ ތައުލީމް ފުރިހަމަކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓް އަދި ތިމާވެއްޓާބެހޭ ދާއިރާގައި ހުރި މައްސަލަތަކުގެ އާންމު މައުލޫމާތު ލިބިފައިވުމާއި، ދިވެހި އަދި އިނގިރޭސިބަހުން ލިއުމާ މުއާމަލާތް ކުރުމުގެ ޤާބިލިއްޔަތުކަން ހުރުންވެސް ހިމެނެއެވެ.
މިވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުރިހާ ލިޔެކިއުންތައް އެންވަޔަރަމެންޓް މިނިސްޓްރީއަށް މެއިލް ކުރުމަށް އިއުލާނުގައި ބުނެފައި ވެއެވެ.