މުޅި ރާއްޖޭގައި މިއަދު ބޯހިމަނަން ފަށައިފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ގުނުން، “ބޯހިމެނުން 2022” ގައި 4،000 އަށްވުރެ ގިނަ އެނިއުމަރޭޓަރުން ބައިވެރިވާކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކުރިއެވެ.
ބޭނުންވާނެ ބައެއް މައުލޫމާތު
- ދިރިއުޅޭ ތަނުގެ މައުލޫމާތު
- ދިރިއުޅޭ ތަނުގެ ބޮޑުމިން
- މީހުންގެ އުފަން ތާރީހު
- މީހުންގެ ތައުލީމީ ފެންވަރު
- އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް
- ފުރަތަމަ ކައިވެނި ކުރި އުމުރު
- އަންހެނުން، ދަރިންގެ އަދަދާއި ފުރަތަމަ ދަރިފުޅު ލިބުނު އުމުރު
ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ އޮކްޓޫބަރު ހަވަނަ ދުވަހު އެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސް ހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯހިމެނުން ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެ ފައްޓަވަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއް ކަމަށާއި, ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ އިޖުތިމާޢީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަކުރެވި, އެ ކަންތައްތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ފަރާތުން ބޯހިމެނުން 2022 ގެ ލިސްޓިންގ ގެ މަސައްކަތްތައް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފްސީލި މަޢުލޫމާތުތައް ނެގުން ކުރިއަށް ދާނީ މި މަހުގެ 17 އިން 25 ގެ ނިޔަލަށެވެ.