“އެންވަޔަރންމަންޓް ކޭމްޕް” ގެ ނަމުގައި ގާލްގައިޑް އެސޯސިއޭޝަންގެ ފަރާތުން މާދަމާ އޭދަފުށީގައި ކޭމްޕެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެއެސޯސިއޭޝަނުން ބުނެފިއެވެ.މިކަމާބެހޭގޮތުން އެސޯސިއޭޝަނުން ބުނީ ރާއްޖޭގެ އެކި ސްކޫލްތަކުގެ 12އަހަރާ 17އަހަރާ ދެމެދުގެ 150 ދަރިވަރުން މި ކޭމްޕްގައި ބައިވެރިވުމަށް މާދަމާ އޭދަފުށްޓަށް އައުމަށް ހަމަޖެހިފައިވާ ކަމުގައެވެ.
މައިގަނޑު ބޭނުމަކީ ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމިއްޔާ (އެފްއޭއޯ) އާއި ވޯލްޑް އެސޯސިއޭޝަން އޮފް ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސް(ވެގްސް)އާއި ގުޅިގެން 2009ގައި ތައާރަފްކޮށްފައިވާ “ފުޑް ސެކިއުރިޓީ އެންޑް ކްލައިމެޓް ޗޭންޖް ބެޖް”ގެ ހަރަކާތްތައް ހިންގުމެވެ.
މިކޭމްޕް ބާއްވަމުން ދަނީ އެންވަޔަރންމަންޓް މިނިސްޓްރީއާއި ބ. އަތޮޅު ބައޮސްފިއާ ރިޒާވް އޮފީހާއި ޔޫއެންޑީޕީގެ އިތުރުން ސޮނޭވާފުށީ ރިސޯޓް ގުޅިގެންނެވެ.
ކޭމްޕްގެ ބައިވެރިންގެ އިތުރު ހަރަކާތުގެ ގޮތުގައި ސޮނޭވާފުށްޓާއި މާޅޮހަށާއި މިއަތޮޅުގައި ހިމާޔަތްކޮށްފައިވާ އޮޅުގިރިއަށް ގޮސް ތިމާވެއްޓާބެހޭ މައުލޫމާތުހޯދާނެއެވެ.