މާލެ އައިސް ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ގޯތި ދިނުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިޔުންގެ މަޖިލީހުގެ ޖަލްސާގައި ދަފްތަރުގަ ހިމެނޭ ބައެއް މީހުންނަށް ގޯތި ލިބުމުގަ ނުވަތަ އޭގައި ބައިވެރިވުމުގެ ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެ އުސޫލުތައް އިސްލާހު ކުރަން ސަރުކާރުން ވިސްނާފަވޭތޯ ހޯރަފުށީ ދާއިރު އަޙްމަދު ސަލީމް ވަނީ މިނިސްޓަަރާ ސުވާލު ކުރައްވާފައެވެ.
ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ މާލޭއަށް ނިސްބަތްވާ ރައްޔިތުންނަށް ޚާއްސަކޮށް ދޫކުރާ ގޯތިތަކެއް ކަމަށެވެ. އެހެންނަމަވެސް އެހެން ތަނެއްގައި ރަޖިސްޓްރީ ވެވެން ނެތިގެން މާލެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. ސަރުކާރުން ހުޅުވާލީ މާލެ ސަރަހައްދުން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލާށެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން “ހަތާވީސް” އަށް މިއަދު ވިދާޅުވީ 10،000 އާއި ގާތްކުރާ ވަރަށް ފޯމް މިހާތަނަށް ލިބިފައިވާ ކަމަށެވެ.
މާލެ ރައްޔިތުންނަށް 3،000 ގޯތި ދޫކުރާނީ ގުޅީފަޅާއި ހުޅުމާލެ އިންނެވެ. ސަރުކާރުން މި ސްކީމު ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.