ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓަރަކު ހޯދަން ކުރި އިއުލާންގެ މުއްދަތު އިތުރުކޮށްފިއެވެ.
މިކަމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނުގައި އޮތީ އިއްޔެގެ ނިޔަލަށެވެ. ނަމަވެސް ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓު ހިމެނޭ ގޮތަށް ރާއްޖޭގެ ހަ ރަށަކަށް މެޖިސްޓްރޭޓަރުން ބޭނުން ވެގެން ކުރި އިއުލާނުގެ މުއްދަތު މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
އިސް މެޖިސްޓްރޭޓަކަށް އަސާސީ މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ލިވިން އެލެވަންސެއްގެ ގޮތުގައި 4،000 ރުފިޔާ އަދި ރިސްކް އެލެވަންސެއްގެ ގޮތުގައި 600 ރުފިޔާ ލިބޭނެއެވެ. ޖޭއެސްސީ އިން ބުނީ މެޖިސްޓްރޭޓަކަށް 18,850 ރުފިޔާ އަސާސީ މުސާރައިގެ ގޮތުގައި ލިބިގެން ދާނެ ކަމަށެވެ. ލިވިން އެލެވަންސެއްގެ ގޮތުގައި 4،000 ރުފިޔާ އަދި ރިސްކް އެލެވަންސެއްގެ ގޮތުގައި 600 ރުފިޔާ ލިބޭނެ ކަމަށް ވެސް ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވެއެވެ.
ޖޭއެސްސީގެ އިއުލާނުގައި މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލެވަންސް ލިބިގެން ދާނެ ކަމަށް ބުނެފައިވެއެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.