”އިންޑިއާ އައުޓް“ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަށް ފާޑުކިއުމުން އަރަބިއްޔާ ސްކޫލްގެ ޙަދީޘް މުދައްރިސެއްގެ ވަޒީފާގައި ހުންނެވި އޭދަފުއްޓަށް އުފަން ޒަމްޒަމް ފާރިސް ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.
ރައީސްގެ ގަރާރަށް ފާޑުކިޔައި ޝައިހް ޒަމްޒަމް އިއްޔެ ކުރެއްވި ޓްވިޓެއްގައި ބުނަނީ ދިވެހިރާއްޖޭގެ އަސާސް ކަމުގައިވާ އިސްލާމް ދީނާ ދެކޮޅަށް ރިޕޯޓު ނެރެ، މުޅި ދުނިޔޭގައި އެ ދަމަމުން ދުވުމުން ވެސް ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތި ނުވި ނުރައްކަލެއް، ގާނޫނާ ހިލާފަށް ރާއްޖެ އަރައިތިބި އިންޑިއާ ސިފައިން މިގައުމުން ބާލަން ދަމާލި ފޮތިކޮޅަކާ ހެދި ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ގޮތެއް ނުވިސްނޭ ކަމަށެވެ.
އޮފީހަށް ނިކުތުން މަނާކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއި ކުރައްވައި ޒަމްޒަމަށް ފޮނުއްވި ސަސްޕެންޝަނުގެ ލިޔުމުގައި ވަނީ، ރައީސްގެ ގަރާރަށް ސީދާކޮށް ފާޑުކިޔާ އެ ނިންމެވުމަށް ގޮންޖަހާ އިންޑިއާ އައުޓް ހަރަކާތަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ޓްވީޓް ކުރައްވާފައިވާތީ އެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ދައުރާއި، ޒިންމާތަކާ ޚިލާފުކަމެއް ކަމަށެވެ.
ޒަމްޒަމްގެ އަމަލަކީ އެކުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ކިޔަވައިދޭ ދަރިވަރުން އަދި އަފްރާދުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދުމާއި ހަމަނުޖެހުމަށް ހިތްވަރު ދެވޭ އަދި އެކަން ކަމަށް މަގުފަހިވާ ފަދަ އަމަލަކަށްވާތީ އެކަން ބަލާ ތަހުގީގު ކޮށް ނިމެންދެން ޝައިހް ޒަމްޒަމް ފާރިސް ސަސްޕެންޑް ކުރާ ކަމަށެވެ.
މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޒަމްޒަމަށް ނަސޭހަތްތެރި ވެފައި ވާކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.
އެ މައްސަލައިގައި ޒަމްޒަމް ސަސްޕެންޑުކޮށްފައިވަނީ 30 ދުވަހަށެވެ.