ދޮންފަނުގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެރަށުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލު ކޮށްފިއެވެ.
މަޗްވަރާ ބައްދަލުވުން ބައްދަލުުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ރަށުން އިތުރު ގޯތިދޫކުރުމާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ބޭނުންކުރުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި ކައުންސިލް އިދާރާއާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާކަންކަމާއި އަދި ޒުވާނުންނަށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރަން ބޭނުންވާކަން ރައީސަށް ދަންނަވާފަ އެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ހަނިފަރު ހަމަޖެއްސުމާއި ރަށުގެ ތަރައްގީއަށް މުހިންމު އިތުރު ކަންކަމާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ވަނީ މަޝްވަރާކޮށްފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދޮންފަނުގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި މަޝްވަރާކުރައްވައި މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ