މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އައި،ޖީ.ސީ،އެސް،އީ އަދި އެސް،އެސް،ސީ އިމްތިހާން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު ސާކިއުލާއެއްގައި ބުނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މިއަހަރު ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާނު ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާނު ތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ މިއަހަރުގެ އޮކްޓޯބަރ ނޮވެމްބަރު މަހުގައި ބާއްވަން ހަމަޖެހިފައިވާ ޖީސީއީ އޯލެވެލް، އައި،ޖީ.ސީ،އެސް،އީ އަދި އެސް،އެސް،ސީ އިމްތިހާން އެދުވަސްވަރުގައި ނުބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އިމްތިހާނުތައް އޮކްޓޯބަރު އަދި ނޮވެމްބަރު ނުބާއްވާ ގޮތަށް ފަސް ކޮށްފައިވިޔަސް ދެން އިމްތިހާނުތައް ބާއްވާނެ ވަކި މުއްދަތެއް ބުނެފައެއް ނުވެއެވެ. މިކަމާގުޅެ ގޮތުން ބުނެފައިވަނި މިބަދަލު ގެނައުމުގައި އެންމެބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ކަމަށެވެ. ނަމަވެސް އޮކްޓޯބަރު އަދި ނޮވެމްބަރަށްފަހު ދެން ކެމްބްރިޖްގެ އިމްތިހާނުތައް އޮންނާނީ މެއި އަދި ޖޫންގަ އެވެ.
އެހެންކަމުން މިހާރު ގުރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ އިމްތިހާނުތައް އެ މުއްދަތަށް ފަސްވާނެ ކަމަށް ބެލެވެ އެވެ.
މިބަދަލާ ގުޅިގެން ކީސްޓޭޖް 5 (ގްރޭޑް 11 އަދި 12) ގެ ދަރިވަރުން ހަދާ އިމްތިހާންތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީހުތަކަށް އިތުރު ބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.