ތައުލީމީ ދައިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އާ އޮނިގަނޑު މެއި މަހުގެ އެއްވަނަ ދުވަހު ހާމަކުރާނެ ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފި އެވެ.
އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކޮށް އައު އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ޕޭ ކޮމިޝަނާއި ގުޅިގެން ކުރަމުންދާ ކަމަށާ އެ އޮނިގަނޑަށް ސިވިލް ސާވަންޓުން އަހުލުވެރި ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. އެއާއެކު އާ އޮނިގަނޑު އަންނަ މަހުގެ އެއްވަނަ ދުވަހު ނެރެ އެއަށް އަމަލު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށާ އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވިދާޅުވެ އަންނަ މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިބަދަލާ އެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން 2.3 ބިިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދުގެ ގޮތުގަ އެވެ.