މިއަހަަރުގެ ނިޔަލަށް 1000 ގޭގައި ސޯލާ ޕެނަލް ހަރުކުރެވޭނެކަމަށް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ޝައުނާ މިހެން ވިދާޅުވީ މާލެއަތޮޅު ހުރާ ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.
މިރަސްމިއްޔާތުގައި ޝައުނާ އިތުރަށް ވިދާޅުވީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ހޯމް ސޯލާ ޕްރޮގްރާމް އިފްތިތާހުކުރެވިފައިވާ ކަމަށާއި ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ކަރަންޓްގެ 26 އިންސައްތަ ފޯރުކޮށްދޭނީ އިރުގެ އަލިން އުފައްދާ ހަކަތައިން ކަމަށެވެ. ހަމަ އެހެންމެ ރާއްޖޭގެ އުފެންދުންތެރިކަމުގެ ގާތްގަނޑަކަށް 10 އިންސައްތައާ ގާތަށް ތެޔޮ ގަތުމަށް ހަރަދު ކުރާ އިރު ތެލަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
“އޭގެ ހެޔޮ އަސަރު ކުރާނެ. ގާތްގަނޑަކަށް 90 ޕަސެންޓާއި ގާތަށް ކަރަންޓު ބިލު ކުޑަ ކުރެވިގެންދާނެ ހޯމް ސޯލާ ޕްރޮގްރާމް ތަންފީޒު ކުރެވުނީމަ” ޝައުނާ ވިދާޅުވި އެވެ.
ހޯމް ސޯލާ ޕްރޮގުރާމަކީ ފެނަކަ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ.
ފެނަކަ އިން ބުނީ ހޯމް ސޯލާ ޕްރޮގްރާމްއަކީ ފާގަތި އަދި އުޖާލާ ދިރިއުއުޅުމަކަށް ކުރެވޭ ކުޑަ ހޭދައެއް ކަމަށާއި މިއީ ޒަމާންތަކެއް ވަންދެން އެކި ސަބަބުތަކާ ހުރެ ހުއްޓުމެއް ނެތި ބޮޑުވަމުން އައި ކަރަންޓު ބިލުތަކަށް ދާއިމީ ހައްލެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މަހުން މަހަށް އަންނަ ކަރަންޓު ބިލް 97 ޕަސެންޓާއި ހަމައަށް ކުޑަވެގެންދާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.