ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަނެއްކާވެސް ތެލުގެ އަގު ބޮޑުކޮށްފިއެވެ.
ތެލުގެ އަގު އެސްޓީއޯއިން އެންމެފަހުން ބޮޑުކުރީ މިދިޔަ މަހު 21 ގައެވެ. އެހެންކަމުން މިއީ، މަހެއްގެ ތެރޭގައި ތެލުގެ އަގު ބޮޑުކުރި ދެވަނަ ފަހަރެވެ.
ތެލުގެ އަގު ބޮޑުކުރުމާއި ގުޅިގެން މިއަދުން ފެށިގެން އެސްޓީއޯ އިން ޕެޓްރޯލް ލިޓަރެއް ގަންނަން ލިބޭނީ ލިޓަރަކުން 92 ލާރި ބޮޑުކޮށް 12.98 ރުފިޔާ އަށެވެ. އަދި ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ގަންނަން ލިބޭނީ ލިޓަރަކުން 60 ލާރި ބޮޑުކޮށް 13.04 ރުފިޔާއަށެވެ.
މިއަދާ ހަމައަށް އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކަމުން ދިޔައީ 12.06 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 12.44 ރުފިޔާ އަށެވެ.
އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑު ކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުން އަންނަ ކަމަށާ މީގެ ސަބަބުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ އެތައް ގުނައެއް އުފުލިފައި ކަމަަށެވެ.
އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.