ދުވަސްވީ މީހެއްގެ ގަޔަށް ކޮވިޑްގެ 4 ޑޯޒް ޖެހި މައްސަލައެއް!

street.jpg

ގއ.ދާންދޫ

ގއ. ދާންދޫ ސިއްހީ މަރުކަޒުން މީގެ ކުރިން ކޮވިޑްގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖަހާފައިވާ މީހެއްގެ ގަޔަށް އިއްޔެ އެ މަރުކަޒުން ބޫސްޓާ ދެވަނަ ޑޯޒެއް ޖަހައިފި އެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ މަރުކަޒުގެ މުވައްޒަފުންނަށް އޮޅިގެން ވެކްސިންގެ ހަތަރުވަނަ ޑޯޒެއް ޖަހާފައި ވަނީ އުމުރުން 82 އަހަރުގެ އަންހެނަކަށް ކަމަށެވެ.

އާސިފް ވިދާޅުވީ ސިއްހީ މަރުކަޒުން އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރުމުން އެ މައްސަލަ އެޗްޕީއޭ އިން ބަލަމުންދާ ކަމަށެވެ. އަދި އަންހެން މީހާ 24 ގަޑިއިރު ވަންދެން ހޮސްޕިޓަލްގައި ބާއްވައިގެން މޮނިޓާ ކުރުމަށާއި އެއްވެސް ސީރިއަސް ކަމެއް އުޅޭނަމަ އެޗްޕީއޭ އަށް އެންގުމަށް އެދިފައިވާ ކަމަށެވެ.

އާސިފް ވިދާޅުވީ މީގެ ކުރިން އެ އަންހެން މީހާގެ ގަޔަށް ބޫސްޓާ ޑޯޒް ޖަހާފައިވީނަމަވެސް އެކަން ސިއްހީ މަރުކަޒުގެ މީހުންނަށް އޮޅިގެން ރެކޯޑު ނުކުރެވުނީ ކަމަށާއި އެހެންވެ އިދާރީ އޮޅުމަކުން ދެވަނަ ފަހަރަށް ޖެހުނީ ކަމަށެވެ.

“އަޅުގަނޑަށް ބޮޑަށް ބެލެވެނީ އިދާރީ އޮޅުމަކުން ކަމަށް. ގަސްދުގަ އެވަރު ކަމެއް ނުކުރާނެ. ދެން ހަތަރު ވަނަ ޑޯޒެއް ޖެހުނުކަން އެނގުނު ހިސާބުން އެ ދައްތަ އެޑްމިޓްކޮށްގެ ވަރަށް ގާތުން ހާލު ބަލަމުންދަނީ. އެޗްޕީއޭގެ އިރުޝާދާއެކު އަމަލު ކުރަމުން އެދަނީ. ރޭގަވެސް އަޅުގަނޑު ދިޔައިން އެ ދައްތަގެ ހާލު ބަލާލަން. ބުނީ ވަރަށް ރަނގަޅޭ. އެއްވެސް ކަމެއް ގޯސްކޮށް ނުދެޔޭ. މިއަދު ހެނދުނުވެސް މިއައީ މަރުކަޒަށް ގޮށް ދައްތަގެ ހާލު ބަލާފަ. ބުނީ އިރާދަކުރެއްވިއްޔާ އެއްވެސް އުދަނގުލެއް ނުވެޔޭ.” އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއެރެންސް ތަސްލީމާ އުސްމާން ވިދާޅުވީ ދާންދޫގައި މީހެއްގެ ގަޔަށް ހަތަރު ވަނަ ޑޯޒެއް ޖެހި މައްސަލައެއް ބަލަމުންދާ ކަމާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.

ރާއްޖޭގައި އާންމުކޮށް އެންމެން ހުޅުވާލައިގެން ބޫސްޓާ ޖަހަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 15 ދުވަހު އެވެެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަމުންދަނީ ފައިޒާ ވެކްސިނެވެ.

ބޫސްޓާ ޑޯޒް ޖަހާފައިވާ މީހުންނަށް ދަތުރުކުރުމާއި ކަރަންޓީންވުމުގައި ސަރުކާރުން ވަނީ ލުއި ގޮތްތައް ހަމަޖައްސައިދީފަ އެވެ. ރާއްޖޭގައި މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް 98،014 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top