އިންޑިއާ އައުޓް ގޮވާ މީހުންނަށް ޖަލުހުކުމް އަންނަގޮތަށް ފަރުމާކޮށްފައިވާ ބިލް މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ހެނދުނު ފާސްކޮށްފިއެވެ.
”ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު“ ގެ ނަމުގައި ޑްރާފްޓް ކޮށްފައި އޮތް ބިލުގައި އަދި އޮތީ ނުވަ މާއްދާއެވެ.
އެބިލުގައި، ގާނޫނީ ހަމަތަކުގެ މަތިން ގައުމުތަކާއެކު ގާއިމްކޮށްފައިވާ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ދިވެހި ރައްޔިތުންގެ ނަމުގައި ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ބޭރުގައުމުތަކުގެ އިއްޒަތާއި ގަދަރަށް ބުރޫއަރާފާނެ އަމަލެއްގެ ގޮތުގައި، ގައުމެއްގެ އަޅުވެރިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ ނުވަތަ ސިޔާސީ ނުވަތަ އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގްލާލު ވާކަން ދެއްކުމުގެ ގޮތުން އެ ގައުމަކާ ނުވަތަ އެ ގައުމެއްގެ ސަރުކާރާ ނުވަތަ އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި، ކެމްޕޭންކުރުމާއި ސިޔާސީ ނުވަތަ އެނޫންވެސް ހަރަކާތް ހިންގުން ހިމެނެއެވެ.
މި ޑްރާފްޓް ބިލުގައި ފާހަގަކޮށްފައިވާ ފަދަ ކުށެއް ކޮށްފިނަމަ، އެ އަމަލެއްގެ ކުޑަބޮޑު މިނަށްބަލައި، ގިނަވެގެން 20،000 ރުފިޔާއިން ޖުރިމަނާކުރުން ނުވަތަ އެއް އަހަރަށްވުރެއް ދިގުނޫން މުއްދަތަކަށް ގޭބަންދުކުރުން ނުވަތަ ހަ މަސްދުވަހަށްވުރެއް ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ހިމަނާފައިވެއެވެ.
“އިންޑިއާ އައުޓް”ގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.
އިދިކޮޅުން ކުރިއަށްގެންދާ “އިންޑިއާ އައުޓް” ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައިމި ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.