ބުއްދީގެ ބޭނުންކޮށްގެން އީމާންކަން ލިބިގަތުން

552185_433657016679398_1405423373_n_large.jpg

އިސްލާމްދީން ވަނީ އިންސާނާގެ ބުއްދީގެ ބާރު ކަނޑުވަފާނެ ހުރިހާބާވަތެއްގެ ކަސްތަޅުތަކަކުން އެ ބުއްދި މިނިވަންކޮށްދީފައެވެ. އިސްލާމްދީނަށް ވަންނަ މީހުންނަށް އިސްލާމްދީން ގޮވާލަނީ އެމީހުންގެ ބުއްދީގެ މިނިވަކަމަށް އަޅާ ހުރަސްތައް ނައްތައިލުމަށެވެ. އެމީހުންގެ މިނިވަންކަން ނިގުޅައިގަނެފައިވާ ޖަލުތަކުން ނިކުމެ، އެމީހުން އަސީރުކުރާ ކަންކަމުން މިނިވަން ވުމަށެވެ.

ކިޔަވައިދޭ އެދުރުންނާއި އެމީހުންގެ ދަރިވަރުންގެ މެދުގައި ވެސް އޮންނަންވާނީ އަނދިރިކަމުން އަލިކަމަށް ކުއްޖާ ނެރެދިނުމުގެ ދައުރެވެ. އޭނާއަށް އަލިކަން ލިބިދޭނެ ނޫރު ދައްކައިދީ ތެދުމަގު ދައްކައިދިނުމުގެ ދައުރެވެ. ދަރިވަރުގެ ފިކުރެއް ޚިލާޔެއް ނެތި، އެދުރުމީހާގެ ކިހިއްޔަށް ދަރިވަރު ޖަހައިގެން ހިނގާ އުސޫލަކީ އިސްލާމްދީން ގޮވާލާ އެދުރުވެރިކަމާއި ދަރިވަރުވުމުގެ އުސޫލެއް ނޫނެވެ.

މުޖުތަމަޢުގެ އެއްބައިވަންތަކަން ހިފެހެއްޓި، އީމާންކަމުގެ ޙަޤީޤީ އުފާވެރި ރަހަ ލިބޭނީ، މިނިވަންކަމާއެކު ފިކުރުކުރުމުން ލިބޭ އީމާންކަމުގެ ތެރެއިންނެވެ. އަހަރެމެން ބޭނުންވަނީ ބާއްޖަވެރިކަން ކަމުގައިވާނަމަ، ބާއްޖަވެރިކަން ލިބޭނީ ހިތްހަމަ ޖެހިގެންކަން ދަންނަން ވާނެއެވެ. ހިތަށް ހަމަޖެހުން ލިބުމުގެ ހަމައެކަނި މަގަކީ އީމާންކަމުގެ މަގުކަން ދަންނަންވާނެއެވެ. އަހަރެމެން ބޭނުންވަނީ އިޖްތިމާޢީ ބަދަހި ގުޅުމެއް ކަމުގައިވާނަމަ އެކަމުގެ މަގަކީ އަޚުވަންތަކަން ކަމުގައި ދަންނަންވާނެއެވެ. އަޚްވަންތަކަމަށް އޮތް ހަމައެކަނި މަގަކީ އީމާންކަމުގެ މަގުކަން ދަންނަންވާނެއެވެ.

ޙަޤީޤީ މުއުމިނުންނަށް، އެމީހުންގެ އީމާންކަމުގެ ސަބަބުން އިޙްސާސް ކުރެވޭނީ، އެމީހުން ދިރިއުޅެނީ ﷲ ގެ ނަބިއްޔުންނާއި ރަސޫލު ބޭކަލުންގެ އަރިހުގައި ކަމެވެ. ތެދުވެރިންނާއި ޝަހީދުންނާއި ޞާލިޙުންނާ އެކުގައި ކަމެވެ. އެއީ އެއްވެސް ޙާލެއްގައި އެބޭކަލުންގެ ހަށިކޮޅާއި ޞޫރައާ އެކުގައި އުޅުމުގެ ވާހަކައެއް ނޫނެވެ. އެއީ ރޫޙާނީ އެކުއުޅުމެކެވެ. ހިތާއި ފިކުރާއި ޝުޢޫރުތަކުގެ އެކުއުޅުމެކެވެ.

ކީރިތި ﷲ ގެ ހިދާޔަތު ދޫކޮށް އުޅޭމީހުން، އެމީހުންގެ މާއްދީ ދިރިއުޅުމާއި، ޙިއްސީ ނިޢުމަތްތަކުގައި އުޅޭތަން ފެނުނަސް އެދަލުގައި ޖެހި އެމީހުންގެ ޙަޤީޤީ ޙާލު ހަނދާން ނައްތާނުލާށެވެ. އެފަދަ މީހުން ތަޙައްމަލު ކުރަމުންދާ ޙަޤީޤީ ނުތަނަވަސްކަމާއި ވޭން ވަނީ އެމީހުންގެ ނަފްސުގެ ތެރޭގައިކަން ދަންނާށެވެ. މާއްދީ އަރާމު ހޯދުމަށް އެމީހުން އަވަދިނެތި އެއުޅެނީ އެމީހުންގެ ހިތްކަށް ހަމަޖެހުމެއް ނުލިބޭތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top