ބައްޕަ ފުރިހަމަ ސިއްހަތުގައި ބެހެއްޓުމަށް ދަރިންނަށް ކޮށްދެވޭނީ ކޮންކަމެއް ؟

healthy-dad_1.jpg

 

ބައްޕައަކީ ދަރިންގެ ސުޕަރ ހީރޯއެވެ. އެއީ ދަރިން ގަބޫލު ކުރާ ގޮތެވެ. އެކަމަކު ސުޕަރ ހީރޯ ގެ އުމުރުން 40 އަހަރުވުމަށްފަހު އުމުރަށް އަންނަމުން ދާ ބަދަލާ އެކު ބައްޕަގެ ހަށިގަނޑު ބަލިކަށިވެ ގައިބާރު ދެރަވާން ފަށާނެކަން އެންމެ ބޮޑަށް ދަންނަން ވާނީވެސް ދަރިންނެވެ. ބައްޕަގެ ނޫކަށި ފުރައިގެ ބުންވަރާ ރީތިކަމާ ޒުވާންކަން ފަސްދީ ހަށިގަނޑުގެ ހުރިހާ ހަކަތަ އެއް ހުސްކޮށް އެހަށިގަނޑު ވަރުބަލިވާން ފަށާފައި އެވަނީ ދަރިންގެ ހައްގު ގައެވެ.

ދުނިޔޭގެ ބައްޕައިންގެ ދުވަސް ފާހަގަ ކުރީ މީގެ ފަސް ދުވަސް ކުރިންނެވެ. ހެޔޮ އެދުމުގެ މެސެޖްތަކާ ތަފާތު ހަދިޔާ ތަކާ ބައްޕަގެ ދެކެ ވާ ލޯބި ފޮނި އިބާރާތް ތަކުން ފާޅު ކުރަމުން ދިޔައިރު ބައްޕަގެ ސިއްހަތާ މެދު ވިސްނީ ކިތައް ދަރިން ބާއެވެ. އެކަމާ ނުވިސްނި ނަމަވެސް ސުޕަރ ހީރޯ އަށް ކާފަ ދަރިންގެ ދިރިއުޅުންވެސް ދައްކާލަން  ކޮންމެ ދަރިއަކުވެސް ބޭނުންވާނެއެވެ. އެހެންވީމާ އެންމެ މުހިއްމު ވާނީ ސުޕަރ ހީރޯގެ ސިއްހަތާމެދު ވިސްނުމެއް ނޫން ހެއްޔެވެ.

ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި ކަމަށް ހަދާފައި ބައްޕަގެ ސިއްހަތު ސްކްރީން ކޮށްލަމާ ހިނގާށެވެ. 40 އަހަރު ވުމާއެކު މި ޗެކަޕްތައް ހަދަން ފަށައިފިނަމަ ދަރިންގެ ސުޕަރހީރޯ ހުންނާނީ ދުޅަ ހެޔޮ ސިއްހަތެއް ގައެވެ. އެއަށްވުރެ އުފާވާނެ ކަމެއް ނޯންނާނެއެވެ.

1.ލޭގެ ޕްރެޝަރ  ޗެކަޕް

އުމުރުން 40 އަހަރުން މައްޗަށް ދިއުމުން ލޭ މައްޗަށް ދިއުމަކީ ހައިރާން ވާންވީ ކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އާދަކާދަ ތަކާ ކެއުމުގައި ސިއްހީ ގޮތުން ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ލޭ މައްޗަށް ދާ ނަމަ ނުވަތަ ނުދާ ނަމަވެސް 40 އަހަރަށް ފަހު ބައްޕަގެ ލޭގެ ޕްރެޝަރ މަދުވެގެން އަހަރަކު އެއްފަހަރު ޗެކްކޮށްލަން ވާނެއެވެ. ލޭގެ ޕްރެޝަރ ހުންނަން ޖެހެނީ 120/80 ގައެވެ. އެއަށްވުރެ މަތި ނަމަ އޭގެ މާނައަކީ ބައްޕަގެ ދިރިއުޅުމުގެ އާދަތައް ބަދަލު ކުރަން ވީއެވެ. ބެލެންސް ޑައިޓަކާ އެކު ހެލިފެލިވެ އުޅުން އިތުރު ކުރަންވީއެވެ. ލޭގެ ޕްރެޝަރ 140/90 ގައި ހުރިނަމަ ހިތުގެ ޑޮކްޓަރަކަށް ދައްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެއާއެކު ބައްޕަގެ ކެއުމާ އާދަތައްވެސް ގެންގުޅެން ޖެހޭނީ އެޑޮކްޓަރުގެ ލަފައާ އެއް ގޮތަށެވެ. ފަހަރެއްގައި އޭނާ ބޭސް ކެއުމަށް ލަފާ ދިނުމާއެކު ކަސްރަތު ކުރުމަށް ބުނާ ނަމަ އެކަން ކުރުވުމަށް އެންމެ ބޮޑަށް ބާރު އަޅާ މީހަކަށް ވާން ޖެހޭނީ ދަރިންނެވެ.

2. ކޮލޮސްޓްރޯލް ޗެކަޕް

ކޮލެސްޓްރޯލް ލެވެލް ޗެކް ކުރުމަކީ ކޮންމެ މީހަކުވެސް ގަވާއިދުން ކުރަން ޖެހޭ ކަމެކެވެ. ކޮލެސްޓްރޯލް ލެވެލް ހުންނަންވާ ވަރަށް ވުރެ މައްޗަށް ދިއުމަކީ ގިނަ ބަލި ތަކަކަށް މަގު ފަހި ކުރުވާ ކަމަކަށް ވާތީއެވެ. ބައްޕަގެ އުމުރުން 40 އަހަރު ވުމާއެކު އެންމެ ފަސޭހައިން ބައްޕަ އަށް ހަމަލާ ދޭނެ ކަމަށް ބެލެވެނީ ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމެވެ. މި ދެ ބައްޔަކީވެސް ކޮލެސްޓްރޯލް މައްޗަށް ދިއުމާ ގުޅުން ބޮޑު ދެ ބައްޔެވެ. ކޮލެސްޓްރޯލް މައްޗަށް ދިއުމަކީ ހިތުގެ ބަލިތައްވެސް ޖެހެން މެދުވެރިވާ ސަބަބެކެވެ.

ބައްޕައަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްނަމަ ކޮންމެ 6 މަހަކުން އެއްފަހަރު ކޮލެސްޓްރޯލް ޗެކް ކޮށްލަން ވާނެ އެވެ.

3.ހަކުރު ބަލި

ހަކުރު ބައްޔަކީ ލޭގައި ހުންނަން ޖެހޭ ހަކުރުގެ މިންވަރު އިތުރު ވުމެވެ. މިހެންވުމުން ހަށިގަނޑުގެ ދިފާއި ނިޒާމަށް އޭގެ އަސަރު ފޯރުވައެވެ. 40 އަހަރުންމައްޗަށް ދިއުމާއެކު ބަރުދަން އިތުރުވަމުން ދާނަމަ ހަކުރު ބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް ޓައިޕް 2 ގެ ހަކުރު ބައްޔެވެ.  އެހެންވީމާ ބައްޕަގެ އުމުރުން 40 ފަހަނައަޅައި ހިގައްޖެނަމަ އަހަރަކު 2 ފަހަރު ހަކުރު ބައްޔަށް ސްކްރީން ކުރަން ވާނެއެވެ.

4. ޑިޕްރެޝަން (މާޔޫސް ވުން )

ބައްޕަގެ ހަރަކާތްތައް ނޯޓް ކުރާށެވެ. ފާއިތުވި ދެހަފްތާގައި ބައްޕަގެ އުޅުން ހުރީ ކިހިނެއް ހެއްޔެވެ؟ މާބޮޑަށް އިސްޖެހި އެކަނިވެރި ވެފައި ނުވަތަ ދެރަވެފައި ނުވަތަ އުއްމީދު ގެއްލިފައިވާ ކަހަލަ ގޮތެއް  ބައްޕަގެ ފަރާތުން ފެނޭ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ އެއީ ޑިޕްރެޝަންގެ އަލާމާތަކަށް ވެދާނެއެވެ. އަވަހަށް ފިޒިއޮލޮޖިސްޓަކަށް ދައްކައި އެއީ ޑިޕްރެޝަންތޯ ޔަގީން ކުރަން ވާނެއެވެ.

5. ލޯ ޓެސްޓްކުރުން

ބައްޕަގެ އުމުރުން 40 އަހަރު ވުމުން ފުރަތަމަ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބައްޕަގެ ލޮލުގެ ޓެސްޓެއް ހެދުން ހިމެނެއެވެ.  ފުރަތަމަ ސްކްރީނުންވެސް ގިނަ ކަންތައް ތަކެއް ފާހަގަ ކުރެވިދާނެއެވެ. ލޮލުގެ ޑޮކްޓަރ ތަފާތު އެތައް ގޮތަކަށް ލޯ ސްކްރީން ކުރާއިރު ލޮލުގެ ފެނުމަށް އައިސްފައިވާ ބަދަލާއި ލޮލަށް ޖެހޭ ނުރައްކާތެރި ގުލްކޯމާ ފަދަ ބަލި ތަކެވެ. ގުލްކޯމާ އަކީ އެބަލި ޖެހިގެން ފަރުވާ ނުކުރެވިއްޖެނަމަ އުމުރު ދުވަހަށް ލޮލުގެ ފެނުން ގެއްލޭ ކަމެކެވެ.

6.ޕްރޮސްޓޭޓް ޓެސްޓް ކުރުން 

ޕްރޮސްޓޭޓަކީ ކުޑަކަމުދާ ހޮޅީގެ ވަށައިގެން ލެވިފައިވާ ގުނަވަނެކެވެ. މި ގުނަވަން ބޮޑުވާ ވަރަކަށް ކުދަކަމުދާ ހޮޅި ފިތެއެވެ. އެހެންވީމާ ކުޑަކަމުދިއުމަށް އުދަނގޫ ވުމާއި ތަދު ވެއެވެ. ޕްރޮސްޓޭޓް ބޮޑުވާ ބައްޔަކީ ދެބައި އުމުރުގެ ފިރިހެނުންނަށް ދިިމާވާ ކަމެކެވެ. އެހެންވީމާ ބައްޕަގެ އުމުރުން 40 އަހަރު ވެގެން ދިއުމުން މިއީވެސް އަހަރަކު އެއްފަހަރު ބައްޕަ ކުރަން ޖެހޭ މުހިއްމު ޓެސްޓެކެވެ.

ވިސްނަން ޖެހޭ ކަމަކީ ބައްޕަގެ އުމުރުން 40 އަހަރުވުމާއެކު ގަވާއިދުން ބައްޕަ ޑޮކްޓަރަށް ދެއްކުމަށް ސަމާލު ވުމެވެ. އިސްވެ ދެންނެވި ދިޔަ ގޮތަށް ޑޮކްޓަރީ ތަހުލީލުތައް ހަދައިގެން އުޅޭނަމަ ދަރިންނަށް އޮތް އުފަލަކީ “ސުޕަރ ހީރޯ “ގެ ސިއްހަތާމެދު ކަން ބޮޑު ވުމެއް ނެތް ކަމުގެ ހިތް ހަމަޖެހުމެވެ. ބައްޕަ އަށްވެސް ބައްޕަގެ ސިއްހަތާމެދު އިތުރު ހާސްކަމެއް ނެތުމެވެ.

(މައުލޫމާތު : ހެލްތް ޑައިޖެސްޓް )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top