ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބިޒިނަސް މޯލްޑިވްސް ޕްރައިވެޓްލިމިޓެޑް އަދި އާޑިއަން ޕްރައިވެޓްލިމިޓެޑްކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ބ.ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރުތަކެއް ހޯދައިފިއެވެ.
ފުލުހުންނާ ސިފައިން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ވަރަށްގިނަ ހަތިޔާރާއި ބޮމާ އަދި ބޮންހަދަން ބޭނުންކުރާ ސާމާނު ފެނިފައި ވެއެވެ.
ހަތިޔާރުތައް ހޯދާފައިވަނީ ހިބަޅިދޫގެ ނެރުކައިރިއަށް ގާތްގަނޑަކަށް 50 މީޓަރު އަޑީގައި ރައްކާ ކޮށްފައިވާ ދެ ދަބަހުގެ ތެރެއިންނެވެ.
މިރޭ 7:15 ގައިސަލާމަތީ ބާރުތަކުން މިކަމާބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްކޮންފަރެންސެއްގައި އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިސްހާގު ވިދާޅުވީ ހިބަޅިދޫއަށް ސަލާމަތީ ބާރުތަކުން އަރާ ފުރަތަމަ ބެލީ ރަށުތެރެކަމުގައެވެ. ކަނޑުއަޑި ބަލަންފެށީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި މިކަމާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން ދީފައިވާ މައުލޫމާތުގެ އަލީގައެވެ.
އަދި ވިދާޅުވީ އެރަށުން ފެނުނު ހަތިޔާރުތަކުގެ ތެރޭގައި އެކިވައްތަރުގެ ބަޑިއާއި ބޮމާއި ގޮއްވާލުމެއް ވަރުގަދަކުރަން ބޭނުންކުރެވިދާނެ އާލާތްތަކުގެ އިތުރުން ބޭނުން ތަނެއްގައި ބޭނުން ވަގުތެއްގައި ގޮއްވާލެވޭ އެއްޗެތިތަކެއްވެސް ފެނިފައިވާކަމުގައެވެ.
އިހްސާން ވިދާޅުވި ގޮތުގައި މިހަތިޔާރުތައް ބޭނުންކޮށްގެން 300 މީޓަރ ދުރުގައިހުންނަ މީހަކާއި 125 މީޓަރު ދުރުގައި ހުންނަ މީހަކާއި 90 މީޓަރު ދުރުގައި ހުންނަ މީހަކަށް ހަމަލާ ދެވިދާނެ ކަމުގައެވެ. އަދި 5 މީޓަރާއި 15 މީޓަރުގެ އޭރިޔާއެއްގެ ތެރޭގައި ތިބޭ ބަޔަކު މަރާލެވިދާނެ ނުވަތަ އަނިޔާ ވާނޭ ކަހަލަ ބޮން ފަދަތަކެތިވެސް މީގެތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ.
ހިބަޅިދޫގައި ހިންގާ މި އޮޕަރޭޝަން އަދިވެސް އެބަ ކުރިއަށް ދާކަމުގައާއި ކޯޓް އަމުރެއްގެ ދަށުން މިހާރު އެރަށް ވަނީ އެއްމަސްދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް މި ކޮންފަރެންސްގައި ބައިވެރިވި ފުލުހުން ބުނެފައިވެއެވެ.