މިދުވަސްވަރު ރާއްޖޭގެ ޖައްވު ބަނަވެފައި ނުސާފުކޮށް ފެންނަނީ އިންޑިއާގެ ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމަޔަށް ފޯރާތީކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.
ގިނަ ބަޔަކު ހީކުރަނީ އެއީ ދުންފިނީގެ އަސަރު ކަމުގައެވެ.
މިކަމުގެ ސަބަބުން އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެ އިތުުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4–5 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލަވަމުންދާ މި ދުވަސްވަރުގައި ހިމާލިއަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރަމުންދާތީ އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވާ ކަމަށެވެ.
މިކަން ބޮޑަށް ފާހަގަކުރެވެނީ ޑިސެންބަރު މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއްވި އެވެ.
މި ހިރަފުހުގެ ސަބަބުން، ހާއްސަކޮށް، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. އަދި މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް އެ އިދާރާއިން ލަފާދިނެވެ.