ރާއްޖޭގެ ބޭންކުތަކުން ދޫކުރާ އެންމެ ދަށް ރޭޓުގައި ބީއެމްއެލް އިން ހޯމް ލޯން ދޫކުރަން ނިންމައިފިއެވެ.
ބީއެމްއެލް އިން ހޯމް ލޯންގެ ރޭޓް މިޙާރުވަނީ ނުވަ ޕަސެންޓަށް ދަށްކޮށްފައެވެ. މިއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓެވެ.
ބީއެމްއެލް އިން މިއަދު ބުނީ، ކަސްޓަމަރުން އަލަށް އެދި ހުށަހަޅާ ލޯނާއި އެހެން މާލީ އިދާރާއަކުން ނަގާފައިވާ ލޯނެއް ރީފައިނޭންސް ކުރުމަށް އެދި ހުށަހެޅުމުން މިހާރު ކަނޑައަޅާފައިވާ ކުޑަ ރޭޓުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބީއެމްއެލް ހޯމް ލޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެޕާޓްމަންޓް ނުވަތަ ރޯހައުސް ގަނެވޭނެ ކަމަށާއި، އަދި މި ލޯން އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވިގޮތުގައި މިވަގުތު ބޭންކު މިއޮތީ ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ލޯނުތަކެއްގެ ރޭޓް ދަށްކުރެވޭނެ ހާލަތެއްގައި ކަމަށްވާތީ ދިވެހިރާއްޖޭގައި އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ބޭންކުން ހޯމް ލޯނު ދޫކުރަން ހަމަޖެހުމާއެކު ގެދޮރު ގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން އެކަށީގެންވާ އަދަދެއްގެ ފައިސާ ފަހަށް ރައްކާކުރެވިގެންދާނެއެވެ. ހަމަ އެހެންމެ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފް ސްޓައިލް ލޯނުގެ ޝަރުތުތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޓިމް ވިދާޅުވިއެވެ.
އެގޮތުން މަތީ ތައުލީމު ހާސިލު ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޫކުރާ ކިޔަވާ ލޯނުގެ ރޭޓްވެސް ނުވަ ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށާއި، ލައިފް ސްޓައިލް ލޯނުގެ ޝަރުތަކަކަށް ބަދަލުގެނެސް ކަސްޓަމަަރަށް ލިބޭ ހުރިހާ އާމްދަނީއަކަށް ބަލައި ލައިފް ސްޓައިލް ލޯނު ދޫކުރާ ގޮތަށްވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މި މަހުގެ 1ވަނަ ދުވަހުން ފެށިގެން އަލަށް ކަނޑައެޅި ރޭޓްތަކަށް އަމަލުކުރަމުން ދާއިރު އިސްލާމިކް އިން ޝަރީއާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށްވެސް މި ބަދަލުތައް ގެނެސްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ..
އެގޮތުން ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ރަހުނަކާ ނުލައި ދޫކުރާ ހުރިހާ ޕާސަނަލް ލޯނުތަކަށް އިންޓަނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ހުށަހެޅޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އެއާއެކު ވެހިކަލް ލޯނު، ލައިފްސްޓައިލް ލޯނު އަދި ގްރީން ލޯނަށްވެސް މިހާރު އޮންލައިންކޮށް އެދި ހުށަހެޅޭނެ އެވެ.