ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކުރާ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ ދ.ކުޑަހުވަދޫގައި މިއަދު އަޅައިފި އެވެ.
ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުاللهއެވެ.
ބިންގާ އަޅުއްވައި ދެއްވުމަށްފަހު މިނިސްޓަރު އިމްރާން ވިދާޅުވީ އެ އިމާރާތުގެ ބިންގަލަކީ އޭގެ މައްޗަށް ރާއްޖޭގެ އިޖުތިމާއީ ވެށި ހަރުދަނާ ކުރުމުގެ މުހިއްމު ބިނާއެއް ބިނާކުރެވިގެން ދާނެ ބިންގާކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ މިއަދުގެ ހާލަތުގައި ބޮޑަތި އިޖުތިމާއީ އެތައް ކަމެއް އެބަހުރިކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިސެންޓަރަކީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކޮށްގެން, އިސްލާހުކޮށް މުޖުމަތައަށް އަނބުރާ ނެރުމަށްޓަކައި ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން އިމާރާތް ކުރާ ސެންޓަރެއް ކަމަށެވެ. އަދި ކޯޓް އަމުރުގެ ދަށުން ވަކި މުއްދަތަކަށް އެކަހެރިކޮށް އެކުދިންނަށް ރައްކާތެރިކަން ދިނުމާއެކު އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ އިންތިޒާމްވެސް ހަމަޖައްސާނީ މިމަރުކަޒުން ކަމަށް ވިދާޅުވިއެވެ.
މިފަދަ ކުދިންނަކީ ކުށުގެ ރެކޯޑަށް ބަލައި މުޖުތަމައުގައި ބައިތިއްބައިގެން އިސްލާހު ކުރުމުގެ މަސައްކަތް ނުކުރެވޭ ގިންތީގެ ކުދިންކަމަށާއި މަރުކަޒުގައި ކުދިން ތިބޭނީ އެކުދިން ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމްތައް ފުރިހަމަ ކޮށް ނިމެންދެން ކަމަށް ވިދާޅުވިއެެވެ.
ދެބުރިއަށް ދ.ކުޑަހުވަދޫގައި އިމާރާތްކުރާ ފުރަތަމަ ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީ. އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.