ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވަންޓެއް ރާއްޖޭގައި ހުންނަން އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ރޭ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވަންޓެއް ރާއްޖޭގައި ހުންނަން އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސިވިލް ސާވަންޓުންނަކީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނު ކޮށްދިނުން މަޖުބޫރު ބައެއް ނޫން ކަމަށާ ނަމަވެސް ސިވިލް ސާވަންޓުން ދޭ ހިދުމަތުގައި ސިޔާސީ ފިކުރެއް ނުވަތަ ކުލައެއް ނުވަތަ ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
”ސިވިލް ސާވަންޓުން ކުރައްވަން ޖެހޭނެހާވެސް ކަމަކީ ސަރުކާރުގެ ސިޔާސަތާއި ވައުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރުން. އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖު،“ ރައީސް ވިދާޅުވިއެވެ.
އަދި ހުރިހާ އެންމެންނަކީ، އެއް ވިސްނުމެއްގައި، އެއް މަގަކުން ހިނގާނެ، އެއް ފިކުރެއްގެ ބައެއް ނޫން ކަމަށާ ނުރުހޭ އެތައް ކަމަކާ، އަހަން ބޭނުން ނުވާ އެތައް އަޑަކާ، ދެކެން ބޭނުން ނުވާ އެތައް މަންޒަރެއް، އަބަދުވެސް މުޖުތަމައުގައި ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިގޮތަށް ވިދާޅުވެފައިވާ އިރު، ސިިވިލް ސާވިސް މުވައްޒަފުން މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭނެ ދިވެހި ސިވިލް ސާވިސްގެ ގާނޫނުގައި ބުނެއެވެ.