މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ހިތާމަވެރި ހާދިސާތަކެއް ހިނގާދިޔަފަހުން، ކަނޑު ދަތުރު ކުރާ އުޅަނދު ފަހަރުން އަމަލު ކުރަން ކަނޑައަޅާފައިވާ ގަވާއިދު ހަރުކަށިކޮށް، އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ފުރިހަމަ ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން އަންގައިފި އެވެ.
އެގޮތުން ޖުމްލަ 11 ކަމެއް ފުރިހަމަ ކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ.
އެ އޮތޯރިޓީން މިރޭ ކުރި އިއުލާނެއްގައި ލިސްޓުކޮށްފައިވާ ކަންކަމުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ އުޅަނދުތަކުން ދަތުރުކުރާ ފަރާތްތަކުގެ މެނިފެސްޓު އެނގެން އޮތުމާއި ލައިފް ޖެކެޓާއި ލައިފް ބޮއި ހުުރުން ލާޒިމުކުރުމެވެ.
އޭގެ އިތުރުން، އުޅަނދުތަކުގައި މުއާސަލާތީ އާލަތްތައް ހަމައަށް ހުރުމާއި، އުޅަނދުތަކުގައި ވެސެލް ޓްރެކިން ޑިވައިސެއް ހަރުކުރަންޖެހޭނެ ކަމަށް އެ ގަވައިދުގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ލާޒިމުކޮށްފަ އެވެ.
އަދި އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން ނެގުމާއި، ކެޕްޓަނުންނާއި ފަޅުވެރިން ނާއި މެރިން މެކޭނިކުންގެ އަތުގައި އެ އޮތޯރިޓީން ގަބޫލު ކުރާ ލައިސަންސާއި ސަނަދުތައް އޮތުންވެސް އެ ގަވާއިދުގައި ވެއެވެ.
އެ އޮތޯރިޓިން ދީފައިވާ މުހުލަތު ތެރޭގައި މިގޮތަށް އަމަލު ނުކޮށްދިނަމަ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރާނެ އެވެ.
ކުރިންވެސް މިފަދަ އުސޫލުތަކައި ގަވާއިދުތައް ހެދިފައި ވެއެވެ. ނަމަވެސް އަމަލު ކުރަން ނުގެންދެއެވެ. އެ އުސޫލުތަކަށް އަމަލު ނުކޮށް ކަނޑުމަތީގައި ނުރައްކާތެރި އެތަކެއް ހާދިސާ ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައި ވެއެވެ.