ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް އެލަވަންސެއް

l_2020_03_16_115116_3x6gzr7j9s81qe4lomtndua5fbpchykivw2_EN.jpg

ކުދި ރަށްރަށަށް ގޮސް ކިޔަަވައިދޭ ޓީޗަރުންނަށް ޚާއްސަ އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އައިޝަތު އަލީ ވިދާޅުވީ، ބޮޑެތި ރަށްރަށުގައި ގުރުއާނާއި އިސްލާމް ކިޔަވައިދެއްވާ ޓީޗަރުން އެބަތިބި ކަމަށާއި، ނަމަވެސް ކުދި ރަށްރަށަށް ޓީޗަރުން ހޯދުމުގައި ދިމާވާ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުރުއާން ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދަން އެތައް ފަހަރަކު އިއުލާނު ކޮށްގެން ވެސް ޓީޗަރުން ނުލިބުމުން މި އަހަރު ފަސް ރަށަކަށް ފޮނުވާފައިވަނީ އިންޑިއާ އިން ގެނައި ޓީޗަރުން ތަކެކެވެ.

އިންޑިއާއިން ގެނައި ދިހަ ޓީޗަރުންގެ ތެރޭގައި ހިމެނެނީ އަރަބި ކިޔަވައިދޭ ފަސް ޓީޗަރުންނާއި ގުރުއާން ކިޔަވައިދޭން ފަސް ޓީޗަރުންނެވެ.

“ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހުއްދަ ދެއްވައިފި އަޅުގަނޑުމެންގެ އެދުމަކަށް އެހެން ރަށަކަށް ގޮސްގެން ކިޔަވައިދޭ މުދައްރިސަކަށް ވެއްޖިއްޔާ އިތުރު އެލަވަންސް އެ ބޭފުޅަކަށް ދޭން. މިހާރު އެކަން ވަނީ ހަމަޖެހިފައި،” މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ޓީޗަރުން ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާއި އިސްލާމީ މަރުކަޒާ ގުޅިގެން 200 މުދައްރިސުން ތަމްރީނު ކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ތެރެއިންވެސް ގުރުއާން ޓީޗަރުން ނުލިބޭ ރަށްތަަކަށް އިސްކަމެއް ދެއްވާނެކަމަށް ފާހަގަ ކުރެއްވިއެވެ.

މުދައްރިސުން ތަމްރީނު ކުރާ ތަންތަނާ ގުޅިގެން ކުރިއަށް އޮތް 10 އަހަރަށް މުދައްރިސުން ބޭނުންވާ ދާއިރާތަކަށް މުދައްރިސުން ތަމްރީނު ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top