ކުރިއެކޭ އެއްގޮތަށް ވިސާއެއް ނެތި ދިވެހިންނަށް އެ ގައުމަށް ދަތުރުކުރެވޭނެ ހާލަތަކަށް ވަރަށް އަވަހަށް ރުޖޫއަ ވެވޭނެ ކަމުގެ އުއްމީދު އެބަ އޮތްކަމަށް ރާއްޖޭގައި ހުންނަަ އިންޑިއަން ހައިކޮމިޝަނުން ބުނެފިއެވެ.
ކޮވިޑް ގެ ބަލިމަޑުކން ފެތުރުމުގެ ކުރިން ޒަމާނުއްސުރެ އިންޑިއާ އަށް ވިސާ ނެތި ދިވެހިންނަށް ދަތުރު ކުރެވެއެވެ. އެކަމަކު އޭރު ވެސް މެޑިކަލް ކަންކަމުގައި ވިސާ ނަގަން ޖެހެ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އިންޑިއާއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މެޑިކަލް ކަންކަމުގައި ވެސް ވިސާ ނެތި ދަތުރުކުރެވޭ ގޮތް ހަމަޖެހުނެވެ.
މެޑިކަލް ކަންކަމުގައި ވިސާ ދޫކުރާކަމަށްވިޔަސް އެ ވިސާ ހޯދަން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާތީ، އެ އަދަދަށް ވިސާ ޖަހައި ނުދެވި ދިގު ވިސާ ކިޔޫއެއް އޮވެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ހާމަ ކުރި ގޮތުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު 2019 ވަނަ އަހަރު އަމަލުކުރަން ފެށި ވިސާ ފްރީ އެއްބަސްވުމުގެ ހާލަތަށް ކުރިޔަށް އޮތްތަނުގައި ރުޖޫއަވުމުގެ އުއްމީދު ވަރަށް ބޮޑަށް އެބަ އޮތްކަމަށެވެ. އެކަމަކު އެކަން ބިނާވާނީ އިންޑިއާގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން ދިއުމާ އެވެ.
މީގެ ދެ އަހަރު ކުރިން ހެދި އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވިސާއަކާ ނުލާ އިންޑިއާއަށް ދަތުރުކުރުމަށް ފަހު 90 ދުވަހުގެ މުއްދަތަކަށް އިންޑިއާގައި މަޑުކުރެވޭނެ އެވެ.