ކުޑަކުދިންނަށް ކާންދިނުމަށް ތައްޔާރުކޮށްފައިވާ “މުޝީ” ބްރޭންޑްގެ ސިިލިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސްނެކް ކަޕުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭތީ އެ ތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ “މުޝީ” (Mushie) ބްރޭންޑުގެ ސިލިކޯން ސަކްޝަން ޕްލޭޓް އަދި ސިލިކޯން ސްނެކް ކަޕުން “ކާބޯތަކެއްޗަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ” ކަމަށެވެ.
މުޝީ ބްރޭންޑުގެ އެ ތަށިތައް ރާއްޖެ އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެން ފީޑުން އެ އިދާރާއަށް އަންގާފައިވާ ކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވެ އެވެ.
“ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އޮތޯރިޓީއިން ވަކި ގޮތެއް އަންގަންދެން މުޝީ ބްރޭންޑުގެ ސިލިކޯން ސަކްޝަން ޕްލޭޓް އަދި ސިލިކޯން ސްނެކް ކަޕް ނުވިއްކުމަށާއި ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް އަންގަން،” އެ ބަޔާނުގައިވެ އެވެ.
އެމެރިކާގެ ބްރޭންޑެއް ކަމަށްވާ މުޝީއަކީ 2018 ވަނަ އަހަރު މުޝީ އެންޑް ކޯ، އެލްއެލްސީ، ނަމަކަށް ކިޔާ ކުންފުންޏަކުން ތައްޔާރު ކުރި ބްރޭންޑެކެވެ. ކުޑަކުދިންނާ ގުޅޭ ސާމާނު އުފައްދާ މުޝީ މަޝްހޫރުވެފައި ވަނީ އޯގެނިކް މާއްދާތަކުން ތަކެތި އުފައްދާ ބައެއްގެ ގޮތުގަ އެވެ.