މި ހިނގާ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ސްކޫލްތައް ތައްޔާރު ވަމުން ދިޔަ ނަމަވެސް ކިޔަވައިދޭނެ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ދިރާސީ އާ އަހަރު ކިޔަވައިދޭނެ ގޮތެއް ނުނިމި އޮތީ ހާލަތު އޮތް ގޮތުން ކަމަށެވެ. ނަމަވެސް މިހަފްތާގެ ތެރޭގައި ގޮތެއް ނިންމުމަށްފަހު އާންމުކޮށް އިއުލާންކުރާނެ ކަމަށް ވިދާޅުވި އެވެ.
ހަމައެއާއެކު ކޮވިޑް ޕެންޑެމިކާ އެކު މިހާރު އޮތީ ކޮންމެ ވަގުތެއްގައި ވެސް ބަދަލުވެދާނެ ހާލަތަކަށް ވާތީ މިވަގުތު ސީދާ ގޮތެއް ނިންމުމެއް ނިންމަން ދަތި ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ޓީޗަރުން ވެކްސިން ޖެހުމަށް ސްކޫލުތަކަށް އަންގާފަ އެވެ.
ކިޔަވައިދޭނެ ގޮތެއް މިނިސްޓްރީން ނިންމާފައި ނުވާތީ ބައެއް ބެލެނިވެރިން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އާ އަހަރަކަށް ކިޔެވުން ފަށާއިރު އަލަށް ސްކޫލުތަކަށް ވައްދާ ކުދިންނާއި މިހާރު ސްކޫލުތަކުގައި ކިޔަވަމުންދާ ކުދިން ކިޔެވުމަށް ބޭނުުންވާ ތަކެތި ހަމަކުރަން ޖެހޭނެކަން ފާހަގަކޮށް ބެލެނިވެރިން ވަނީ ސްކޫލް ހުޅުވެން މިހާ ކައިރވެފައިވާއިރުވެސް ގޮތެއް ނުނިންމާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ބެލެނިވެރިންގެ އަނެއް ކަންބޮޑުވުމަކީ މި އަހަރު ވެސް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދަން ޖެހިދާނެތީ އޮތް ކަންބޮޑުވުމެވެ. މިދިޔަ އަހަރު ގޭގައި އޮންލައިންކޮށް ކިޔަވަން ޖެހުން ދަރިވަރުންނާއި ބެލެނިވެރިންނަށް އުނދަގޫ ތަޖުރިބާއެއް ކުރަން ޖެހުނެވެ. ދަރިވަރުންގެ އިތުރު ހަރަކާތްތައް މިދިޔަ އަހަރާއި މި އަހަރު އޮތީ ހުއްޓިފަ އެވެ.
ކޮވިޑުގެ ހާލަތު މުޅި ރާއްޖޭގައި ގޯސްވުމާ ގުޅިގެން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ދިރާސީ ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސް މާލެއާއި ބައެއް ރަށްތަކުގެ ދަރިވަރުން ކިޔަވަމުން ދިޔައީ ގޭގައި ތިބެގެން އޮންލައިން ކޮށެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އެހާ ގޯސް ނޫން ރަށްތަކުގެ ދަރިވަރުން ސުކޫލަށް ގޮސްގެން ވެސް ކިޔަވާފައިވެ އެވެ.
ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ހުރިހާ ޓީޗަރުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސުކޫލްތަކަށް އަންގާފަ އެވެ.